ޚަބަރު

ޖަލުގައި ޖާގަ ނެތިގެން ދޫކޮށްލާފައި ހުރި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށް، ނަމަވެސް ޖަލުގައި ޖާގަ ނެތިގެން ކްރިމިނަލް ކޯޓުގެ އަމުރަކަށް ދޫކޮށްލާފައި ހުރި މީހަކު، މަސްތުވާތަކެއްޗާއެކު އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

Ads by STELCO

އެމައްސަލައިގައި ކޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދޫކޮށްލާފައި ވަނީ މ. އެންޑްލެސް، ހުސައިން އިރުފާން (35އ.) އެވެ.

އިރުފާނުގެ މައްޗަށް ތުހުމަތު ކުރީ، މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރާ ކަމަށެވެ. ކްރިމިނަލް ކޯޓުން އެއިރު އޭނާ ދޫކޮށްލާފައި ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރުމަށްފަހު އެވެ.

އެއިރު އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކޯޓު އަމުރާއި ޖަލުތަކުގެ ޕެރޯލް ގާނޫނުގެ ހަތަރުވަނަ މާއްދާއާ ހިލާފަށް، އޭނާ ކަސްޓޯޑިއަލް ޖަލުން ރިމާންޑް ޖަލަކަށް ބަދަލުކޮށްފައި ނުވާތީ ކަމަށެވެ.

ނަމަވެސް މަސްތުވާތަކެއްޗާއެކު އަނެއްކާ ވެސް އިރުފާނު ވަނީ ހައްޔަރު ކޮށްފައެވެ. އަދި "ކެނެބިސް ޓްރެފިކް" ކުރުމުގެ އަޑުއެހުމެއް އޭނާ ދޫނިދޫ ޖަލުގައި ބަހައްޓައިގެން މިއަދު ހެނދުނު 10:00 ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައެވެ. މިއަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ހުސައިން އިރުފާނުގެ ބަންދާއި ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައި ކަމަށެވެ. އެޝަރުތުތަކުގެ ތެރޭގައި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް ވެސް ހިމަނާފައިކަން ވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

"އެއަމުރު ކުރައްވާފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހުސައިން އިރުފާނު މި ވަނީ ހައްޔަރުކުރެވިފައި އަދި ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދިއުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައި އެބަވޭ" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން މެދުކަނޑާލާފައި ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު އިރުފާނަށް ދިނުމަށްފަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!