މެންދުރު ނަމާދުގެ ބަންގީގެ އަޑުން މުޅި މާލެތެރެ ގުގުމަން ފަށައިފިއެވެ. ބަންގީގެ މާތް ކަލިމަފުޅުތައް އިމާމު މީހާގެ ދުލުން ކިޔަމުންދާ އިރު، އިމާމަށް ކޮށްފައިވާ ފުން އަސަރުތައް އެ އަޑުން ހެކިކޮށްދެއެވެ. އިމާމު މީހާގެ އަޑު ވަނީ ރާޅުވެފައެވެ. އެ އަޑުގައި އެއްވެސް އޮމާންކަމެއް ނެތެވެ. ހިތްދަތިކަމާއި، ނުތަނަވަސްކަމުން ފުރިގެންވާ ހާލު، އިމާމު މީހާ ބަންގި ގޮވައި ނިންމައިލިއެވެ. މުޅި މިސްކިތް އޮތީ ފަޅުކޮށެވެ. އިމާމު ނޫން އިތުރު އެއްވެސް މީހެއް މިސްކިތުގެ ތެރޭގައި ފެންނަން ނެތް އިރު، މުޅިތަނުން ފެންނަމުން ދިޔައީ، ބަލައިލަން ހިތަށް ކުޅަދާނަ މަންޒަރެއް ނޫނެވެ.

Ads by MWSC

ޝާނާ ވަރަށް އަވަސްކޮށްލައިގެން ކޮޓަރީގެ ފާޚާނާއަށް ވަދެ ވުޟޫކޮށްލިއެވެ. އެވަގުތު އޭނާގެ ފިރިމިހާ އަނޫފް އާއި އޭނާގެ ހަމައެކަނި ދަރިފުޅު އުމުރުން 5 އަހަރަށްދާ ނިލްކާ ދިޔައީ ނަމާދުކުރަމުންނެވެ.

"ﷲ އަކްބަރު" މެންދުރު ނަމާދުގެ ފުރަތަމަ ރަކުޢަތް ނިންމައި، ދެވަނަ ރަކުޢަތަށް އަނޫފް ހަށަންބަންއިރު، އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ދިޔައީ ފައިބަމުންނެވެ. ވުޟޫކޮށްގެން ފާޚާނާއިން ނުކުތް ޝާނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، އޭނާގެ ފިރިމީހާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކެވެ. ޝާނާ ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. އޭނާގެ ފިރިމީހާގެ ލޮލުން އެ އަންނަމުންދާ ކަރުނައަކީ، ކިހާ ވޭން ހުރި ކަރުނައެއްކަން ޝާނާއަށް ތަސައްވުރު ކޮށްލެވުނެވެ. އަނޫފް ވާނެ ދެރައާއި، އޭނާގެ ޖަޒުބާތުތައް ހުރީ ކިހާ ފުންމިނެއްގައި ކަން ޝާނާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. ނަމަވެސް މިއަދު ޝާނާއަކީ މިޤައުމަށް ވަރަށް މުހިންމު ދަރިއެކެވެ. މިޤައުމު ރޮމުން ގެންދަނީ ޝާނާއަށެވެ. އެހެންކަމުން އަމިއްލަ ޢާއިލާ ދެރަކޮށްފައި، ކުރިއަށް ފިޔަވަޅެއް ނެގުމަށް ޝާނާ ހުރީ ނިންމައިގެންނެވެ. ޝާނާގެ ލޮލުން ހިލެންފެށި ކަރުނަތައް، އޭނާގެ އަތުގެ ނުފުށުން ފޮހެލަމުން ޝާނާ ވެސް ނަމާދު ކުރަން ފެށިއެވެ.

ސިކުންތު ކަށީގެ ހަލުވި ދުވެލީގައި ގޮސް، ގަޑިން ހަވީރު 4 ޖަހައިފިއެވެ. ޝާނާ އޭނާގެ 10 ވަަރަކަށް ހެދުން ދަބަހަށް ކޮއްޕައިލަމުން ބަލައިލީ، ސޯފާގައި އިން އަނޫފާއި ނިލްކާގެ މޫނަށެވެ. ޝާނާގެ ބެލުމުގައި ވަނީ ވޭނާއި ކެކުޅުމެވެ. ރިހުމާއި ހިތްދަތިކަމެވެ. އެއްވެސް އެއްޗެއް ނުބުނެ، އަނޫފް އިނީ ޝާނާގެ މޫނަށް ބަލާށެވެ. އަނގަ ހުޅުވައި ޝާނާއަށް ގޮވައިލަން އަނޫފް އިނީ އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް، އެހިތްވަރެއް އޭނާގެ ކިބައިގައި ނެތެވެ. އަނގަ ހުޅުވަން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް، އަނޫފަށް ހީވަނީ އޭނާގެ ދެތުންފަތް ތަތްވެފައި އޮތްހެންނެވެ. އަނގައިގެ ތެރޭގައި އޮތް ދޫ ވަނީ ގޮށްޖެހިފައެވެ.

"އަނޫފް. ޕްލީޒް! ތިހެން ދެރަވެފަ ނީދޭ! އަހަރެން ކުރަން މިއުޅޭ މަސައްކަތުގަ، އަހަރެންނަށް ހިތްވަރު ނުލިބިދާނެ." އަނޫފްގެ ގާތުގައި އިށީންނަމުން ޝާނާ ހިފައިލީ އަނޫފްގެ އަތުގައެވެ.

"މަންމީ. މަންމި ކޮންތާކަށްތަ ތިދަނީ؟ ކޮއްކޮ ދެރަވާނެ މަންމި ދިޔާމަ. ބައްޕި ވެސް ދެރަވާނެ ދޯ؟" ކުޑަކުޑަ ނިލްކާ ބަލައިލީ އަނޫފާއި ޝާނާގެ މޫނަށެވެ. އަނޫފްގެ ކެތްތެރިކަން ކޮޅުންލީ ދެނެވެ. ހިތުގެ ތެރޭގައި ގުޅަކޮށްގެން ހުރި އިޙްސާސްތައް، ޝާނާގެ ކުރިމަތީގައި ބަންޑުން ކޮށްލަން އަނޫފް ބޭނުންވިއެވެ.

"ޝާނާ!" ލަތްކަކަށް ޝާނާގެ ގައިގައި އަނޫފް އޮޅުލައިގަންނަމުން ރޯންފެށިއެވެ. ހިތުގައި ވަރަށް ބޮޑަށް ޖެހިގެން އަނޫފަށް ރޮއިގަނެވުނީ ނުހަނު ބާރަށެވެ. އަނޫފްގެ ގައިގައި އޮޅުލައިގަންނަމުން، ޝާނާ ވެސް ފެށީ ރޯށެވެ. ކުޑަކުޑަ ނިލްކާ، ވާނުވާ ނޭނގިފައި އޭނާގެ މަންމަ އާއި ބައްޕައަށް ބަލައިލަމުން ތުންގަނޑު ބޭރަށް ނެރެލިއެވެ. އެ ލޯބިލޯބި ފުރާނަ އިނީ ރޯން ވެސް ނޭނގިފައި، އޭނާގެ މައިންބަފައިންނަށް ބަލާށެވެ.

"އަނޫފް. ހިތްވަރުކުރޭ! އަހަރެންނަށް އެނގޭ އަނޫފް ދެރަވާނެ ވަރު. އެކަމު، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މާތްﷲ އަށް ވަކީލުކޮށްލުން ނޫން އިތުރު ގޮތެއް ނެތް." ޝާނާ ރޮމުންރޮމުން ބަލައިލީ އަނޫފްގެ މޫނަށެވެ.

"ދެން ނުރޮއި ހުއްޓާލާ! ގިނަގިނައިން ދުޢާކުރޭ! ނަމާދުކޮށް، ޤުރުޢާން ކިޔަވާ، އެކަލާނގެއަށް ކުއްތަންވެ، ކޮރޯނާގެ މުސީބާތުން މި ޢާއިލާ، މިޤައުމު، މުޅި މި ދުނިޔެ ސަލާމަތް ކޮށްދިނުމަށް އެދި ދުޢާކޮށްދީ!" ޝާނާގެ ލޮލުން ކަރުނަ ހުސް ނުވާއިރު، އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އަނޫފް ހަމަޖެއްސޭ ތޯއެވެ.

"ދަރިފުޅާ. މަންމިގެ ފުރާނަކޮޅު" ޝާނާގެ ނަޒަރު ނިލްކާއަށް އަމާޒު ކޮށްލުމާއި އެކު، ނިލްކާއަށް ޕާސް ކިޔައިފައި ރޮއިގަނެވުނެވެ. އެތައް އިރަކު އެ ތުއްތު ހަށިގަނޑުގެ އެތެރޭގައި ހިފަހައްޓައި ލެވިފައިވާ އިޙްސާސްތައް، އެކީއެކައްޗަށް ފަޅައިގެންދިޔަ ކަހަލައެވެ.

"ދަރިފުޅާ. މަންމިގެ ދޫނީ. މަންމި ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ބަސްއަހައިގެން ބައްޕި ގާތުގަ ހުންނަންޗޭ!" ޝާނާ ވަރަށް ހިތްވަރުކޮށްލަމުން ނިލްކާގެ ކޮލުގައި ބޮސްދިނެވެ.

އަނޫފަށް އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ހިތްހަލާކު ވެފައިވާ ހާލުގައި، އަނޫފް ބަލަހައްޓައިގެން އިނީ ޝާނާގެ މޫނަށެވެ. ޝާނާ އިންތިޒާރު ކުރަމުން ގެންދިޔައީ، އަނޫފްގެ ފަރާތުން ކުޑަ ނަމަވެސް ހިތްވަރުގެ ބަސްކޮޅެއް އޭނާއަށް ލިބޭނެ ވަގުތަކަށެވެ. ނަމަވެސް، އަނޫފަށް ލިބިފައިވާ މޮޅިވެރިކަމެއްގެ ބޮޑުކަމުން، އޭނާގެ ދުލުގައި އެއްވެސް ހަރަކާތެއް ނެތެވެ.

ދަބަސް ކޮނޑުގައި އަޅުވައިގެން ޝާނާ ބޭރަށް ނުކުންނަން ހިނގައިގަތެވެ. އަނޫފަށް ލިބިފައިވާ ހިތާމަ، ޝާނާއަށް ޝައްކެއްނެތް މިންވަރަށް އެނގެއެވެ. އެކަމު، އަނޫފްގެ ފަރާތުން އެއްވެސް ބަހެއް ނުލިބުމުން ޝާނާގެ ހިތަށް ލިބިފައި ވަނީ ތުރާތަކެކެވެ.

"ޝާނާ!" އަނޫފްގެ އަޑަށް ޝާނާ ހުއްޓުންއެރިއެވެ. އަނޫފް ދިޔަ ގޮތަށް ގޮސް ހިފީ ޝާނާގެ އަތުގައެވެ.

"ޝާނާ. އަހަރެން މިއަދު ފަޚުރުވެރިވޭ ތީ އަހަރެންގެ އަނބިމީހާ އޭ ބުނަން. ތީ ޤައުމީ ދަރިއެއް. އަހަރެން ޝާނާ ދެކެ ވަރަށް ލޯބިވޭ. ބަލައިގެން އުޅެއްޗޭ! ވަރަށް ލޯބިވޭ." ޝާނާގެ އަތަށް ބޮސްދެމުން އަނޫފް ބުނެލިއެވެ.

"އަހަރެންވެސް. ވަރަށް، ވަރަށް ލޯބިވޭ. ދަރިފުޅާ ނިލް. މަންމި ދަނީ. ބާއި." ގަދަކަމުން ހީނލަމުން ޝާނާ އޭނާގެ އަނގަޔާއި މޫނު މާސްކަކުން ނިވައިކޮށްލައި، ތައްޔާރުވެލިއެވެ.

ސައިކަލުގައި ގޮސް ޝާނާ މަޑުކޮށްލީ އައިޖީއެމްއެޗްގެ ކުރިމަތީގައެވެ. ސައިކަލުން ފެއިބުމާއި އެކު، ދުވެފައި ކަހަލަ ގޮތަކަށް ޝާނާ ހޮސްޕިޓަލްގެ ތެރެއަށް ވަނެވެ. ފެނުނު މަންޒަރުތަކުން ޝާނާ ހުއްޓުން އެރިއެވެ. މުޅި ހޮސްޕިޓަލްގެ ތެރެ އޮތީ ބަލި މީހުންނުން ފުރި ބާރުވެފައެވެ. ކެއްސާ އަޑާއި، ކިނބިހި އަޅާ އަޑުން މުޅިތަން ދިޔައީ ގުގުމަމުންނެވެ. މުޅި މާޙައުލުން ފެންނަމުން ދިޔައީ ބިރުވެރި، ނުރައްކާތެރި މަންޒަރެކެވެ.

"ޑޮކްޓަރ ޝާނާ! އަވަހަށް އާދޭ! އަވަސް." ނަރުހަކު ދުވެފައި އައިސް ހުއްޓުނީ ޝާނާގެ ކުރިމަތީގައެވެ. އެވަގުތު އެ ނަރުސް މީހާގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ޝާނާ ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ހަލުވި ހިނގުމެއްގައި، ޝާނާ ގޮސް ވަނީ ވާރޑަށެވެ. ވާރޑަށް ވަނުމާއި އެކު ޝާނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އެނދުމަތީގައި އެޑްމިޓްކޮށްފައި ތިބި، އެކި އުމުރުގެ މީހުން މަރަށް ތެޅެމުން ދަނީއެވެ. ނޭވާ ނުލެވިގެން އެއްބަޔަކު ތެޅެމުން ދާއިރު، އަނެއްބަޔަކު ކެއްސާކެއްސާ ކަރުން ދިޔައީ ލޭ އަންނަމުންނެވެ.

ޝާނާގެ ލޮލުން ފެންނަމުންދިޔަ ހިތް ފަޅައިގެންދާ މަންޒަރުން، އޭނާއަށް ރޮވޭ ގޮތްވިއެވެ. ގިނަ ބަލިމީހުންނަށް ފަރުވާދޭނެ އެކަށީގެންވާ ޑޮކްޓަރުން ނެތުމުން، ގިނަ ބަލިމީހުން ދިޔައީ އެކަނި މާއެކަނި އެނދުގައި އޮވެ މަރާއި ހަނގުރާމަ ކުރަމުންނެވެ. ލަސްނުކޮށް ޝާނާ ބަލިމީހުންނަށް ފަރުވާ ކުރަންފެށިއެވެ.

ވަގުތުތައް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރޭގަނޑުގެ އަނދިރިކަމުން މުޅި ކަޢުނު ބައްދައިލިއިރު، ޝާނާ ވަނީ ވަރުބަލިވެފައެވެ. ޝާނާގެ ނިތްކުރިން ދާތިކިތައް ކެކެން ފަށައިފިއެވެ. ނަމަވެސް ޝާނާގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ފަހަރަކު ބަލި މީހެއްގެ ގާތަށް ގޮސް ފަރުވާ ކުރަމުން، މުޅި އެތަނުގެ ތެރޭގައި ދުވަމުން ޝާނާ ގެންދިޔައެވެ. ފަރުވާކޮށްފައި، ނުކުރާނީ ވަކި ކާކަށްކަން ޝާނާއަކަށް ނޭނގެއެވެ. ތުއްތު ކުދިންނަށް ނޭވާ ނުލެވިގެން، ނޭވާ އުފުރައިގެން ދާވަރު ވެފައި އޮތް އިރު، އެކުދިންގެ ލޮލުން ވޭނީ ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ.

ދުވަސްތައް މާޒީގެ ސަފުހާގައި ހިމުންވަމުން ދިޔައެވެ. އަނޫފްގެ ހުރިހާ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔައީ ނިލްކާ އާއި އެކުގައެވެ. ޝާނާ އެދުނު ފަދައިން، ކޮންމެ ނަމާދަކަށް އަނޫފް ގެންދިޔައީ ވަރަށް ބޮޑަށް ފަރުވާތެރި ވަމުންނެވެ. ކޮންމެ ނަމާދަކަށްފަހު، އެތައް ހެޔޮ ދުޢާ ތަކެއް އަނޫފް ގެންދިޔައީ ކުރަމުންނެވެ. ޝާނާއަށް އެނބުރި ގެއަށް އާދެވޭ ގޮތް ވުމަކީ، އަނޫފްގެ އެދުމެވެ. އުއްމީދެވެ. އަބަދުމެ ކުރެވޭ ދުޢާއެވެ.

މާލޭގައި އުފެދިފައިވާ ބިރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ، މުޅި މާލެ ތެރޭގައި ހަލުވި ކަމާއި އެކު ފެތުރިގެން ދިޔައެވެ. ޝާނާއަށް މިއަދު ވަނީ އިންތިހާއަށް އެކި ގޮތްގޮތުން އަސަރުކޮށްފައެވެ. ނަފުސާނީ ގޮތުން ވެސް އެތައް ނޭދެވޭ އަސަރެއް ޝާނާއަށް ކުރަމުން ދިޔައެވެ. ލޯ ކުރިމަތީގައި ފަރުވާ ނުދެވިގެން މަރުވަމުންދާ ކުޑަ ކުދިންނާއި، ދުވަސްވީ މީހުންނާއި، ޒުވާނުންގެ އަދަދު ބާރު މިނުގައި އިތުރުވެގެން ދިޔައެވެ. ގިނަ މީހުންނަށް ނޭވާ ނުލެވިގެން، ދެލޯ ބޮޑުވެ، އަނގައިގެ ތެރޭގައި އޮތް ދޫ ތެޅެމުން ދިޔައީ ސީދާ ޝާނާގެ ލޯ ކުރިމަތީގައެވެ. ހަދާނެގޮތް ނޭނގިފައި އެ މަންޒަރު ބަލަން ޝާނާ ރޮމުން ގެންދިޔައެވެ. ޝާނާ އާއި އެކު މަސައްކަތް ކުރާ އެހެން ޑޮކްޓަރުންގެ ލޮލުން ވެސް ކަރުނަ ހުސްނުވެއެވެ. އެންމެ ފަހު ވިންދާ ޖެހެންދެން، ޤައުމީ ޚިދުމަތުގައި ސާބިތުވެ ތިބުމަށް، އެ އެންމެން ވެސް ތިބީ ނިންމައިގެންނެވެ.

މުޅިން އައު ދުވަހަކަށް އިރު އުދަރެހުން ފައުޅުވެގެން އައީ، ޝާނާއަށް މުޅިން ތަފާތު އިޙްސާސްތަކެއް ކުރުވަމުންނެވެ. ޝާނާގެ ކަރުގައި ރިއްސަން ފެށިއެވެ. ރޯގާގެ ނިޝާންތައް ނޭފަތުން ފެންނަން ފަށައިފިއެވެ. ހުން އައިސް، ނޭވާ ކުރުވާ ކަމުގެ އިޙްސާސް ވަމުން ދިޔައީ، ޝާނާގެ ހިތަށް ކެކުޅުން ދެމުންނެވެ. ވާން މިއުޅެނީ ކީއްކަން ޝާނާއަށް ރޭކައިލިއެވެ. ދަރިފުޅާއި ފިރިމީހާއަށް ދުވަސްގަނޑަކަށް ފަހު ގުޅަން، ޝާނާގެ ހިތް އާދޭސް ކުރަން ފެށިއެވެ. ދެލޯ މަރައިލަމުން ވާރޑުން ނުކުމެގެން ބޭރަށް ގޮސް، ޝާނާ އޭނާގެ ފޯނުން އަނޫފަށް ގުޅަން ޑައިލް ކޮށްލިއެވެ.

"އަނޫފް!" ޝާނާގެ އަޑު ހީވީ ޗިސްޗިސް ވަމުން ދަނީހެންނެވެ. ވަގުތުން ކަރުނައިގެ ސުނާމީގެ އިންޒާރެއް ޝާނާގެ ދެލޮލަށް ލިބުނެވެ.

"ޝާ.. ޝާނާ." އަނޫފްގެ އަޑުގައި ވަނީ ކޮޅުނެތްކޮޅަށް ހިތި ހިތްދަތި އަސަރުތަކެވެ.

"އަނޫފް. އަހަރެންގެ ދަރި ރަނގަޅަށް ބަލާދެއްޗޭ! އަހަރެންނަށް އަނބުރާ ގެއަށް ނުދެވުނަސް.." ޝާނާގެ ބަޑި ފަޅައިގެން ދިޔައެވެ. އަނޫފްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހެރުނުހެންނެވެ.

"ޝާނާ. ކިހިނެއްތަވީ؟ ބުނެބަލަ! ބަލިވީތަ؟ ޝާނާ." އަނޫފްގެ ދެލޯ ކަރުނައިން ތެތްމައިލިއެވެ.

"އަނޫފް. އާނ! އަހަރެން ވަރަށް ބަލިވެއްޖެ." ދަތިގޮތަކަށް ޝާނާ ނޭވާއެއް ދޫކޮށްލިއެވެ.

"ނޫން! ނޫން! ޝާނާ. ތިހެން ނުބުނޭ! އާދޭ އަވަހަށް ގެއަށް!' އަނޫފްގެ ހިތް އަވަސްވެ، ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެއެވެ.

"އަނޫފް. ކެތްކުރޭ! ދުޢާ ކުރޭ! އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ޝާނާ ވާހަކަދައްކަމުން ގެންދިޔައީ ވަރަށް ދަތި ގޮތަކަށެވެ. ޝާނާގެ ނޭވާ ކުރުވަމުން ދިޔައީ އޭނާ ހީކުރި ވަރަށް ވުރެށް މާ އަވަހަށެވެ. ކުރުކޮށް އަވަސްކޮށް ނޭވާ ލަމުން، ކަންފަތުގައި ޖަހާފައި ހުރި ފޯނު ޝާނާ ތިރިކޮށްލިއެވެ. ހަމަ އެއާއި އެކު ޝާނާގެ ކަޅި ހުއްޓުނީ ހޮސްޕިޓަލްގެ ތަށިމުށިގަނޑުމަތީގައި ނޭވާ ނުލެވިގެން، މުޅި ތަނުގައި ތެޅެމުން، ފޮޅެމުން ދިޔަ މާބަނޑު މީހެކެވެ. ކަށީގައި ނެތް ހިތްވަރު ލަމުން، ޝާނާ ކުރިއަށް ފިޔަވަޅެއް ނެގޭތޯ މަސައްކަތް ކުރިއެވެ.

މާބަނޑު މީހާ ދަމަމުން ކަހަލަ ގޮތަކަށް ގެނެސް، ޝާނާ އެމީހާ ވެއްދީ ވާރޑަށެވެ. އަދި ވެންޓިލޭޓަރގައި މަރުވެފައި އޮތް މީހެއް ނަގާ، މާބަނޑު މީހާ ވެންޓިލޭޓަރަށް ލިއެވެ. އަންހެނަކަށްވެ ހުރެ، ޝާނާއަށް އެވަގުތުގައި ލިބުނީ މުޅިން ތަފާތު ބާރެކެވެ. ވެންޓިލޭޓަރގައި މާބަނޑު މީހާއަށް ފަރުވާ ދެމުން ދިޔައިރު ވެސް، ޝާނާއަށް ނޭވާ ލެވެމުން ދިޔައީ ހަމަކިރިޔާއެވެ. ޝާނާގެ ނޭވާ ހީވަނީ އުފުރައިގެން ގޮސްދާނެހެންނެވެ.

ޝާނާގެ ހަށިގަނޑުން މަޑުމަޑުން ހަކަތަ ދިޔައީ ހުސްވަމުންނެވެ. މާބަނޑު މީހާއަށް ފަރުވާ ކުރަމުން ޝާނާ ގެންދިޔައިރުވެސް، މުޅި މާޙައުލުން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ޝާނާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތުވެސް ގިނަ ބަޔަކު ވަނީ ނޭވާ ހޮޅިއަށް އެޅޭވަރު ވެފައެވެ. ޝާނާގެ ހާލަކީ ވެސް މިއީއެވެ. ކުއްލިއަކަށް ޝާނާ ފުން ނޭވާއެއް ދޫކޮށްލުމަށް މަސައްކަތް ކޮށްލިއެވެ. ހަމަ އެއާއި އެކު ޝާނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. މުޅި ހަށިގަނޑަށް ބާރުކޮށްގެން ނޭވާ ލެވޭތޯ ޝާނާ އުޅުނެވެ. ޝާނާއަށް ނޭވާ ލެވެމުން ދިޔައީ އަނގައިންނެވެ. ގިނަ ފަހަރު، އޭނާގެ ކަރުގެ ތެރެއިން އަޑުކިޔާ ގޮތްވެސް ވެއެވެ. މިގޮތަށް ޝާނާއަށް ކެތްކޮށްލެވުނީ މަދު ސިކުންތު ކޮޅަކުއެވެ. ޝާނާގެ މުޅި ގައިން ވަރު ދޫވެގެން، އޭނާ ހުރިތަނަށް ދެމިއްޖެއެވެ.

ހަވީރުގެ ފިނިފިނި ވައިބާނިތަކުން މުޅި މާލޭގައި ހަނާ އަޅަން ފެށީ އަސަރުން ފުރިގެންވާ، ހިތާމަވެރި، ދެރަ ޚަބަރަކުންނެވެ. ޝާނާގެ މަރުގެ ޚަބަރުން މުޅި ޤައުމު ރޮއްވައިލައިފިއެވެ. ފަހު ނޭވާ ހަށިގަނޑާއި ވަކިވެގެން ދިޔައިރު، ޝާނާ ކުރަމުން ދިޔައީ ޤައުމީ މަސައްކަތެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، ޝާނާ މަސައްކަތް ކުރީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

އަނޫފްގެ ކަންފަތުގެ ހިނދުރި ތޮރުފައިލި، ހިތްފަޅައިގެންދާ ފަދަ ޚަބަރުން އަނޫފަށް ވަރަށް ބާރަށް ރޮއި ގަނެވުނެވެ. އަނޫފްގެ ހިތުގެ ހުރިހާ ނާރެއް ހީވީ ކުދިކުދި ވެގެން ދިޔަހެންނެވެ. ނިލްކާގެ ގައިގައި ބައްދައިގަނެގެން، އަނޫފް ރޮމުން ގެންދިޔައީ އަޑުގެ ނެތްކޮޅަށެވެ. އަނޫފަށް އޭނާގެ މުޅި ދިރިއުޅުން ފަނާވީއެވެ. މުޅި ޙަޔާތް ކަޅު ބޯވިލާތަކުން ބައްދައިލީއެވެ. އެތައް އިރަކު ރޮއި ގިސްލަމުން އަނޫފް ގެންދިޔައީ، އޭނާގެ ހިތަށާއި މެޔަށް ލިބެމުންދިޔަ، ދިލަ، ހޫނު ތަދުންނެވެ.

ފުލުހުންގެ އެހީތެރިކަމާއި އެކު، އަނޫފާއި އޭނާގެ ދަރިފުޅު ނިލްކާ އާސަހަރާއަށް ގެންދިޔައެވެ. އެވަގުތުވެސް އަނޫފްގެ މުޅިގައި ދިޔައީ ރޫރޫ އަޅަމުންނެވެ. ހިތާމައިގެ ވޭނުން އޭނާގެ ދަތްދޮޅި ތުރުތުރު އަޅައެވެ.

"ހިތްވަރު ކުރާތީ!" ފުލުސްމީހާ އޭނާގެ ކަނާއަތް އަނޫފްގެ ކޮނޑުގައި ބާއްވަމުން ހިތްވަރުދިނެވެ. އެވަގުތު އަނޫފްގެ ކުރިމަތީގައި ވަނީސަންދޯއްކެއް ބަހައްޓައިފައެވެ. އަނޫފްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ.

"ޝާނާ.. އަހަރެންގެ ލޯބިވާ ޝާނާ.. އަހަރެން ދޫކޮށްފަ ނުދޭ! އާދޭސްކޮށްފަ މިބުނީ!" އަނޫފްގެ އަޑު ހީވަނީ ވީރާނާ ވަމުން ދަނީހެންނެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް، ސަންދޯކްގައި އަނޫފް ބައްދައިގަތެވެ. އަނޫފްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ފުލުހުންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ފުލުހުންގެ ގާތުގައި ހުރި ނިލްކާ ރޮމުން ގިސްލަމުން މަންމައަށް ގޮވަމުން ދިޔައެވެ. މުޅި ތަނުން އިވެމުންދިޔައީ ގިސްލުމާއި، ވޭނީ ކުކުރުމުގެ އަޑެވެ.

ޝާނާގެ ވަކިވެ ދިޔުން، ހުރިހާ ދިވެހިންގެ ލޯތައް ފެންކަޅި ކޮށްލައިފިއެވެ. އެންމެންގެ ހިތްތަކަށް، އެ ހިތާމަ ވެގެން ދިޔައީ ބަރުދާސްތު ކުރަން ދަތިވި ކަމަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!