ޚަބަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާއަށް ގުޅުއްވާ، ރައީސް ޝުކުރުއަދާކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ބަންގްލެދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވެދިން އެހީއަށާއި އެ ގައުމުން ދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

Ads by MWSC

ބަންގްލަދޭޝް އިން ދިން އެހީއަށް ޝުކުރު އަދާކުރެއްވުމަށް ރައީސް ސޯލިހު މިއަދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ފޯނުން ގުޅުއްވާ އެ ގައުމުން ދިން އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ކޮރޯނާގެ ބަލިމަޑުކަމާ ދެކޮޅަށް ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި އެއްގައުމުން އަނެއްގައުމަށް ދެވޭނެ އެހީތެރިކަމާ ގުޅެގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ.

މީގެ އިތުރުން ބަންގްލަދޭޝް އިން ވަނީ 100 މެޓްރިކްޓަނުގެ ބޭހާއި ކާބޯތަކެތި ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!