29 އަހަރުގެ މަންމަ މަރުވެގެން ދިޔައީ އަލަތު ދަރިފުޅު އުރާލަންވެސް ނުލިބި
އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ 29 އަހަރުގެ ފޮޒިޔާ ހަނީފް ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ދެވަނަ ދަރިފުޅަށް ބަލިވެއިންދައެވެ. ފުރަތަމަ ދަރިފުޅު ބައިގެންދިއުމަށް ފަހު، ދެވަނަ ފަހަރު ބަލިވެ އިނުމުން ގަވާއިދުން ޑޮކްޓަރަކަށް ދައްކާ ހުރިހާ ޓެސްޓްތަކެއް ދިޔައީ ހަދަމުންނެވެ.
މިގޮތަށް ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހަކު ކުޑަކޮށް ހުން އައިސްފައި ހުރުމުން އިތުރަށް ހެދި ޓެސްޓްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެގުނެވެ. ނަމަވެސް ބަލީގެ އަސަރު ހުރީ ވަރަށް ކުޑަކޮށް ކަމަށްބުނެ، ދެ ދުވަސް ފަހުން ގެއަށް ދޫކޮށްލިއެވެ. އޭގެ 4 ދުވަސް ފަހުން ފޮޒިޔާއަށް ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރެވުނެވެ.
ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތާ ދެވަނަ އަށް އޮތް ދުވަހު، ސިޒޭރިއަން ހަދައިގެން ފޮޒިޔާގެ ފިރިހެން ދަރިފުޅި ނެގިއެވެ.
ޓެސްޓްތައް ހެދުމުން ދަރިފުޅުގެ ގައިގައި ކޮވިޑް-19 ނެތްކަން ޔަގީންވިއެވެ. ނަމަވެސް ދަރިފުޅު އުރާލުމުގެ ހުއްދަ ވެސް ފޮޒިޔާއަކަށް ނެތެވެ. އެއްތަނުން އަނެއްތަނަށް ދަރިފުޅު ގެންދާތަން ފެނެއެވެ. ފަހުން ނަރުހުން ދަރިފުޅުގެ ފޮޓޯއެއް ޕްރިންޓް ކޮށްފައި ފޮޒިޔާއަށް ދިނެވެ. ފޮޒިޔާ ހުރީ ވަރަށް އުފަލުންނެވެ.
އޭގެފަހުން ކުއްލިއަކަށް ފޮޒިޔާގެ ހާލު ސީރިއަސްވެ ލޭ ގަނޑުވުމުގެ މައްސަލަތަކެއްގެ ސަބަބުން އޮތީ ކޯމާގައި ބާއްވާފައެވެ. ޑޮކްޓަރުން ބޭނުންކުރާ ރައްކާތެރިކަމުގެ ހެދުން އަޅައިގެން ވެސް ފޮޒިޔާގެ ގާތަށް ވަދެވެނީ ހަމަ އެކަނި ފިރިމީހާއަށާއި ބައްޕައަށެވެ. މިހެން ކޯމާގައި ބޭއްވުމަށްފަހު، އެއް ފަހަރަކު ޑޮކްޓަރުން ބުނީ، ފޮޒިޔާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ވޯޑަށް ބަދަލު ކުރެވިދާނެ ކަމަށެވެ.
މި ޚަބަރުގެ ސަބަބުން އާއިލާގެ މެމްބަރުންނަށް ވެސް އުއްމީދު ގެނުވިއެވެ. އަދި ޑޮކްޓަރު ބުނި ގޮތަށް ފޮޒިޔާ ވޯޑަށް ބަދަލު ކުރެވި ފޯނުން އާއިލާގެ މީހުންނާއި ވާހަކަވެސް ދެކެވުނެވެ. ކާ އެއްޗެހީގެ ވާހަކައާއި ދަރިފުޅުގެ ވާހަކަ އާއި އާއިލާގެ މީހުންގެ ވާހަކަ އެހިއެވެ. ނަމަވެސް ފަހުން ޙާލަތު ގޯސްވެގެން މެޝިންގެ އެހީގައި ނޭވާލައްވަމުން ގޮސް އެއްވެސް ކުރިއެރުމެއްގެ އުއްމީދު ނެތުމުން ޑޮކްޓަރުން މެޝިންތައް ނިވާލިއެވެ. ބަރމިންގހަމް ހޮސްޕިޓަލްގައި ފޮޒިޔާ މަރުވީ 8 އޭޕްރީލްގައެވެ. ފޮޒިޔާގެ ދަރިފުޅު އުފަންވީ 2 އޭޕްރިލްގައެވެ.
އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ފޮޒިޔާގެ ބައްޕަ ބުނީ، މުޅި އާއިލާ ތިބި އެކަތި ގަނޑެއްގެ ގޮތުގައި ކަމާއި، އެކަކު އަނެކެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އާއިލާއިން އަބަދުވެސް ފޮޒިޔާ ސިފާ ކުރާނީ "ސުޕަރސްޓަރ" އެއްގެ ގޮތުއި ކަމަށާއި ފޮޒިޔާއާއި މެދު ފަޚުރުވެރިވާ އޭނާގެ ބައްޕަ ބުންޏެވެ.