ޓެރެންސް އުޅުނު ގޮތަކުން ނޯރާ ލަދުގަނެއްޖެ!

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީ އާއި މަޝްހޫރު ކޮރިއޮގްރާފަރ ޓެރެންސް ލެވިސްގެ ކެމިސްޓްރީ ވަރަށް ވަރުގަދަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ނޯރާ އާއި ޓެރެންސް އެކުގައި ފެނުމުން ގިނަ ބަޔަކު ވަނީ އެދެމީހުން އެކަކު އަނެކަކާ ވަރަށް ގުޅޭ ކަމަށް ބުނެ، އެދެމެދުގައި ވަރަށް "ގާތް" އިތުރު ގުޅުމެއް ވެސް ވާކަމަށް ޝައްކު ކޮށްފައެވެ.
އެގޮތުން ދާދި ފަހުން ގެސްޓް ޖަޖެއްގެ ގޮތުގައި "އިންޑިއާސް ބެސްޓް ޑާންސަރ" ގައި ނޯރާ ބައިވެރިވުމުން، އެޝޯގެ ސެޓުގައި ތިބި މީހުން ވެސް ވަނީ ނޯރާ އާއި ޓެރެންސް އަަޅުވާ ކިޔާފައެވެ.
ނޯރާ އެޝޯއަށް ޖަޖެއްގެ ގޮތުގައި ބައިވެރިވީ އެޝޯގެ އެއް ޖަޖު ކަމަށްވާ މަލައިކާ އަރޯރާ ކޮވިޑް-19 އަށް ފައްސި ވުމުންނެވެ. އެބަލިން މަލައިކާ ރަނގަޅުވެ، އަލުން ޝޯއަށް އައުމުން ނޯރާ ވަނީ ޝޯއަށް އަލްވަދާއު ކިޔާފައެވެ.
ނަމަވެސް އޭނާގެ އެންމެ ފަހުން ރިލީސްވީ ލަވަ "ނަޗް މެރެ ރާނީ" ޕްރޮމޯޓު ކުރުމަށް އަނެއްކާ ވެސް ނޯރާ ވަނީ އިންޑިއާސް ބެސްޓް ޑާންސަރ ޝޯގައި ވަގުތުކޮޅެއް ހޭދަ ކޮށްފައެވެ.
އަލުން އެޝޯއިން ނޯރާ ފެނުމުން އެތައް ބަޔަކު އުފާވެފައިވާއިރު، އެންމެ ބޮޑަަށް އުފާވީ ޓެރެންސް އެވެ. އޭނާ ވަނީ ނޯރާ ބަލާ ދުވެފައި ގޮސް ސްޓޭޖަށް އަރާފައެވެ. އޭގެ އިތުރުން ނޯރާ ގޮވައިގެން ސީޓަަށް ގެންދިޔައިރު "ޕެހެލާ ޕެހެލާ ޕިޔާރް ހޭ" ލަވަ ޖެހުމުން ޓެރެންސް ވަނީ އެލަވަ ނޯރާ އަށް ޚާއްސަ ކުރުމުގެ އިތުރުން، ނޯރާ އުފުލާލާފައެވެ.
ޓެރެންސް އުޅުނު ގޮތުން އެތައް ބަޔަކު އޭނާއާއި ދިމާކޮށްފައިވާއިރު، ނޯރާ ހުރީ އެކަންތައްތަކާއި ލަދުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.