ޝަހީބް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ ގއ.ވިލިނގިލީ ލައިޓް ހައުސް، ޝަހީބް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރު އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރު ކުރިއެވެ، މި 7 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
އެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުންނަކީ ޝަހީބާއި ހޯރަފުށީ އަހްމަދު މޫސާ ކަމުގައި ތުހުމަތު ކުރެެވެއެވެ.
މިދެމީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު މޫސާގެ ބަންދަށް އިތުރު މުއްދަތެއް ވަނީ ދީފައެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ޝަރުތުތަކަކާއެކު ޝަހީބު ދޫކޮށްލުމަށެވެ.
ޝަހީބުގެ ބަންދަށް ފުރަތަމަ ވެސް މުއްދަތު ޖެހީ އެ މައްސަލައާ ގުޅިގެން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް މިފަހަރު ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކުރީ، އިތުރު ހެކި ހުށަހަޅާފައި ވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.