އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި

ރާއްޖޭގެ ރަށްރަށާ ބެހޭ ހުރިހާ މަޢުލޫމާތު އެއްތަނަކުން ލިބޭ ވެބްޕޯޓަލް އިއްޔެގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލު ކުރައްވައިފިއެވެ.
ވެބްޕޯޓަލް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް އާއި ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.
މި ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މައުލޫމާތު ފޯރު ކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގައި މިހާރު ހުޅުވާފައިވާ %95 ގެސްޓްހައުސްގެ މައުލޫމާތު މި ޕޯޓަލްގައި މިހާރު ހިމެނިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ފޮޓޯ ތަކާއި ވާހަކަ ތައް ވެސް ހިމެނިގެން ދާނެ ކަމަށެވެ.
މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދެވޭނެ ކަމަށާއި ގެސްޓްހައުސްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޕޯޓަލްގެ ދަށުން ކޮންމެ ރަށަކަށް ޚާއްޞަ ވެބްސައިޓެއް ހިމެނޭއިރު، އެވެބްސައިޓްގައި ހިމަނާ މަޢުލޫމާތުތައް ހިއްޞާކުރަން ޖެހޭނީ ރަށު ކައުންސިލުންނެވެ.