3 އަތޮޅަކުން އިތުރު 11 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
ހއ، ށ، އަދި ނ އަތޮޅުން އިތުރު 11 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މޮނިޓަރިންނަށް ގެނެވުނު ރަށްތަކަކީ ނ.މާފަރު، ނ.މިލަދޫ، ނ.ކެނދިކުޅުދޫ، ނ.ހެނބަދޫ، ހއ.ދިއްދޫ އަދި ހއ.އުތީމު، ށ. ނަރުދޫ، ށ. ފުނަދޫ، ށ. ފީވަށް، ށ. މިލަންދޫ އަދި ށ. ފުނަދޫއެވެ.
މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން އެ ރަށްތަކުގެ ކައުންސިލްތަކަށް އެންގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. އެގޮތުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕިއެވެ. އެ ބޯޓު ވަނީ ނ.އަތޮޅާއި، ށ.އަތޮޅު އަދި ހއ.އަތޮޅުގެ ބައެއް ރަށްތަކަށް ގޮސްފައެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މި ބައްޔަށް ފައްސިވި ދެވަނަ މީހާއެވެ. މީގެކުރިން މި ބައްޔަށް ފައްސިވި ވެފައިވަނީ ހއ.އުލިގަމަށް ނިސްބަތްވާ މީހެކެވެ. އެމީހާ އަކީ ވެސް މާލެ ދަތުރުކޮށްފައި ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް 141 މީހަކު ފައްސިވި ވެފައިވާއިރު، މިއަދު އެކަނި ވެސް ވަނީ 13 މީހަކަށް މިބަލި ވަނީ ޖެހިފައެވެ.