ޚަބަރު

"އަމާޒު" ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭއަށް ރިޕޯޓު ކުރަން އެދިއްޖެ

ށ އަތޮޅާއި ނ އަތޮޅު އަދި ހއ އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި އަމާޒު ބޯޓުން މިމަހުގެ 15 ވަނަ ދުވަހު ދަތުރު ކުރި ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރަން އެދިއްޖެ އެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ފައްސިވެ ވެފައިވާއިރު، އެޗްޕީއޭ އިން މިރޭ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެންގުމަށް އެދިފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ބޯޓުގެ ކެޕްޓަން ކޮވިޑް 19 އަށް ފައްސިވުމާ ގުޅިގެން އެ ބޯޓުން ދަތުރު ކުރި މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެކެވެ. މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައިވައެވެ.

މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހެއްގެ ފަރާތުން ވަނީ ބަލީގެ އަލާމާތްތަކެއް ފެނިފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 51 މީހަކު ވަނީ ދެނެގަނެފައެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވުމާ ގުޅިގެން އެ ބޯޓު ދަތުރުކުރި ބައެއް ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!