ރިޕޯޓް

ކަފިހި ހުރަސް: މަހުން މަހަށް ހަމައެކަނި ދަވާދު އައު ކުރާ ހުރަހެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކަފިހި ހުރަހުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެއީ ހަމަ ރީއްޗަކަށް މަގުމަތީގައި ތައްޔާރު ކޮށްފައިވާ ކުރެހުމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ މަގުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސްކުރުމަށް ފަސޭހައަކަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ކުރެހުމެކެވެ. ވީއިރު އެއަށް ޢަމަލު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއްކަން އެނގޭ ހެއްޔެވެ؟ ފެންނަ މަންޒަރުތަކުން އެކަން ގަބޫލުކުރާ ކަމަކަށް ނުފެނެއެވެ.

Ads by STELCO

މިއީ އަޅުގަނޑު އިއްޔެގެ ވަގުތެއްގައި ބެލްކަންޏަށް ނިކުމެ ހުއްޓާ ފެނުނު މަންޒަރެއްގެ ވާހަކައެވެ. ފެންނަން ނުޖެހޭ މަންޒަރެކެވެ. މަގު ހުރަސް ކުރުމުގައި ބަލަންވީ ހަމައެކަނި ހިނގާފައި ދާ މީހާ އެކަންޏެއް ނޫނެވެ. ދުއްވާފައި ދާ މީހާ ވެސް ހުރަސް ކުރާ މީހާއަށް ބަލަން ޖެހެއެވެ. އިއްޔެގެ ވަގުތެއްގައި އަޅުގަނޑަށް ފެނުނު އެ މަންޒަރުން އަޅުގަނޑަށް ކުރި އަސަރުގެ ވާހަކަ ހިއްސާ ކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

މަގު ހުރަސް ކުރުމަކީ އެއްވެސް ޙާލެއްގައި ދުއްވާފައި ދާ މީހާގެ ކިބައިން އާދޭސް ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑަށް އިއްޔެ ފެނުނު މަންޒަރަކީ ވެސް ހަމަ މިފަދަ މަންޒަރެކެވެ. ދޮށީ އުމުރުގެ ދައްތައެއް މަގު ހުރަސް ކުރުމަށް ޓަކައި ކަފިހި ހުރަހުން އެއަންނަަނީ ދެފަރާތުން ދުއްވާފައި އައިހާ ކާރަކަށް އަތް ދިއްކުރަމުން މަޑުކުރުމަށް ބުނަމުންނެވެ. އެހެން ނަމަވެސް އެތަނުން އެއް ކާރު ދިޔައީ އެ ދައްތަގެ ވަރަށް ކައިރިންނެވެ. ޖެހުނު ނަމަ ގޯސްވާނީ މަގު ހުރަސް ކުރަން އުޅުނު މީހާކަން ކަށަވަރެވެ.

މިއަދު އަޅުގަނޑުމެންގެ މި ހަލަބޮލި މާލޭގެ ހާލަތު މި ހިސާބަށް ގޮސްފައިވާއިރު އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މަންޒަރެއް ނުފެނެއެވެ. މީގެ ކުރިން މާލޭގެ އެކި މަގުތަކުގައި ޓްރެފިކް ލައިޓުތައް ހުރި މަންޒަރު ދުށީމެވެ. އެހެން ނަމަވެސް މިއަދު އެ ލައިޓުތައް ހުންނަނީ ނަމަކަށެވެ. ރީއްޗަށް ބަހައްޓާލާފައިވާ އެއްޗެއް ގޮތުގައި އަޅުގަނޑުމެން ހީކޮށްގެން ތިބެންވީ ހެއްޔެވެ؟ މަޢާފު ކުރާށެވެ. މިފަދަ ކަންކަމަކީ ކުރުން ލާޒިމު އެހެން ނަމަވެސް ކުރަން މުހިންމު ކަންކަން ނޫން ކަމުގައި ދެކެފައިވާ ކަންކަން ހެއްޔެވެ؟

ކަފިހި ހުރަސްތަކުގައި ހުންނަ ކުރެހުންތައް ފޮހެވޭތީ ކޮންމެ މަހަކު ވެސް އެކުރެހުން އައު ކުރާ މަންޒަރު ދެކެމެވެ. އެހެން ނަމަވެސް އެ ހިސާބުން އެ ކަފިހި ހުރަހުގެ މަސައްކަތް ނިންމާލީތޯއެވެ؟ ކަފިހި ހުރަހުގައި ސައިކަލު ޕާކު ކުރުމުގެ ސަބަބުން ފުލުހުން ހޭވައްޓާލާ ޖޫރިމަނާ ކުރާއިރު، އެކަފިހި ހުރަހަށް ދުއްވާ މީހުން ކަމޭނުހިތަނީ ކިހާ ވަރަކަށްތޯ ބަލާލުން ވެސް މުހިންމު ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ދުއްވާ މީހުން އެ ކަފިހި ހުރަހަށް އެއްވެސް ވަރަކަށް އިޙުތިރާމު ނުކުރުމުގެ ސަބަބުން ހިނގާ މީހުންނަށް އެއްވެސް ފަސޭހައެއް ނުލިބޭނަމަ އެ ކަފިހި ހުރަހުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟

މިއީ ވަރަށް މަދު ބަޔަކު ވާހަކަ ދައްކާ ވަރަށް ކުޑަ ކުޑަ ކަމެއްގެ ވާހަކައެވެ. އެހެން ނަމަވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެވެ. މިކަމަށް ހައްލެއް ލިބޭނެ ދުވަހަކަށް އަބަދުވެސް ތިބެނީ އިންތިޒާރުގައެވެ. އެހެން ނަމަވެސް މިކަމަށް ހައްލެއް ލިބޭ ކަމުގެ މަލަމަތި ވެސް ނުފެންނަ ކަމީ އެކަމާއި މެދު ހިތާމަކުރާ ކަމެކެވެ. ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރާއިރުގައި އާދޭސް ކުރުމަކީ އެއްވެސް ޙާލެއްގައި ކުރަން ޖެހޭ ކަމެއް ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!