ރާއްޖެ ގެންގޮސް ދޭން އެދުނު މީހަކަށް ސޯނޫ ސޫދުގެ މަޖާ ރައްދެއް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބަޔަކަށް އެހީތެރިވެދީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި އެކަކީ ބޮލީވުޑުގެ މަޝްހޫރު ތަރި ސޯނޫ ސޫދެވެ. ސޯނޫ ސޫދު ވަނީ އިންސާނިއްޔަތަށްޓަކައި އޭނާގެ ޖީބުން އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފައެވެ.
ޓްވިޓާގައި ވަރަށް އެކްޓިވްކޮށް ފެންނަ ސޯނޫ އަށް ޓްވިޓާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އެތައް ހާސް އެހީގެ ދައުވަތު ލިބެއެވެ. އެގޮތުން މި ފަދަ ރިކުއެސްޓުތަކުގެ ތެރެއިން ބައެއް
"ކޫސަނި" ރިކުއެސްޓުތަކަށް ވަނީ ސޯނޫގެ ވަރަށް މަޖާ ރައްދު ވެސް ލިބިފައެވެ.
އެގޮތުން ދާދި ފަހުން މީހަކު ވަނީ ސޯނޫގެ ގާތުން އޭނާ ރާއްޖެއަށް ޗުއްޓީއަކަށް ގެންގޮސްދިނުމަށް އެދިފައެވެ. ސޯނޫ ޓެގްކޮށް އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ އޭނާ ރާއްޖެއަށް ޗުއްޓީއަކަށް ދާން ބޭނުންވާ ކަމަށާއި އެހީވެދިނުމަށެވެ.
މީގެ ޖަވާބުދެމުން ސޯނޫ ވަނީ ރާއްޖެ ދާން ގެންގޮސްދޭންވީ ސައިކަލުގައި ތޯ ނުވަތަ ރިކްޝާގައި ތޯ ސުވާލުކޮށްފައެވެ.
ގިނަ ބަޔަކު ވަނީ ސޯނޫގެ މި މަޖާ މިޒާޖަށް ތައުރީފްކޮށްފައެވެ.