ރިޕޯޓު

ފުރަބަންދާއެކު ދިރިއުޅޭ ރަށުން ބޭރުގައި އެތައް ބަޔަކު ތާށިވެފައި ، ތުލުސްދޫގައި ތާށިވި ޒުވާނެއް ، އާއިލާ ގާތަށް ދެވޭނެ މަގެއްގެ އިންތިޒާރުގައި!

ދެން އެމްވީ

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއެކު އެތައް ބަޔަކު ވަނީ ދިރިއުޅޭ ވަޒަނުން ބޭރުގައި ތާށިވެފައެވެ. ބައެއް މީހުން ބޭސް ފަރުވާއަށް ނުވަތަ އެހެން ބޭނުމެއްގައި މާލެ ގޮސް ހުއްޓާ މާލޭގައި ތާށިވީއެވެ. މާލޭގައި ދިރިއުޅޭ ބައެއް މީހުން އެހެން ރަށަކަށް ގޮސް ހުއްޓާ އެރަށުގައި ތާށިވީއެވެ. ކޮވިޑް19 އާއި ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައިސް ވަޒީފާ ގެއްލި ނުވަތަ ކުރަމުން އައި މަސައްކަތް ހުއްޓުމާއެކު މިފަދަ މީހުންނަށް މިވަނީ ވަރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހިފައެވެ. އެގޮތުން އަތްމަތި ހުސްވެ ، އާއިލާއާއި އެހެން މީހުންގެ އެހީތެރިކަމަށް އެދެން ޖެހިފައިވާ މީހުން ބައިވަރެވެ.

މިފަދަ އެކަކީ ފުރަބަންދު ކުރުމުގެ ކުރިން ކ. ތުލުސްދޫއަށް މުހިންމު ބޭނުމެއްގައި ދިޔަ ޒުވާނެކެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން އެޒުވާނާ ބުނީ އޭނާ ތުލުސްދޫއަށް ދިޔައީ މިމަހުގެ 17 ވަނަ ދުވަހު ރަށްޓެއްސަކާއެކު ކަމަށެވެ. މުހިންމު ބޭނުމަކު އެރަށަށް ދިޔައީ ވެސް އެންމެ ދުވަހަކަށް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން އެދުވަހު އޭނާ ތުލުސްދޫގައި ތާށިވީއެވެ.
އޭނާގެ ރަށްޓެއްސެއްގެ ކެފޭއެއް ހުރުމުން، މުވައްޒަފުން ދިރިއުޅެން ހަދާފައިހުރި ތަނުގައި އޭނަ ބަހައްޓައިދިން ކަމަށާއި ނަމަވެސް ކެއުމާއި އެހެނިހެން ޚަރަދުތަކަށް އޭނާގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ޚަރަދު ވެއްޖެ ކަމަށާއި މިހާރު އަތްމަތި ހުސްވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ރަމަޟާން މަހު އާއިލާއާއި ވެސް ދުރުގައި ރަށެއްގައި ހުންނަން ޖެހުމުން، ވަރަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި އެނބުރި މާލެ އާދެވޭތޯ ވެސް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ތުލުސްދޫގެ ކައުންސިލަރާއި ވެސް ވާހަކަ ދެއްކި ކަމަށާއި ކައުންސިލަރުގެ އިރުޝާދުގެ މަތިން، މާލެ ދިޔުމަށް ފުލުހުންނާއި ޓާސްކްފޯސް ގެ ހުއްދަ ލިބޭތޯ މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.
"ފުލުހުންނަށް ގުޅުމުން ވިދާޅުވީ އެޗްޕީއޭ އަށް ގުޅަން ، އެޗްޕީއޭ އިން ވިދާޅުވީ އެކަހަލަ ހާލަތްތަކަށް އަދި ވަކި ގޮތެއް ހަމަޖެހިފައެއް ނުވޭ ، ދެން އެމީހުން ބުނީ 115 އަށް ގުޅައިގެން އިތުރަށް ވާހަކަ ދެއްކުމަށް ، އެނަންބަރަށް ގުޅީމަ ވިދާޅުވީ އިސްވެރިންނާއި ވާހަކަ ދެއްކުމަށްފަހު ވަކި ގޮތެއް އަންގާނަމޭ'' އޭނާ ބުންޏެވެ.
އޭނާ ބުނީ އޭގެ ދެ ދުވަސްވަރު ފަހުން ގުޅާފައި ހާލު ބަލާލަން ގުޅާލީ ކަމަށް ވިދާޅުވި ކަމަށެވެ. ހާލަތު ކިޔައިދީ، އަތްމަތި ދަތިވަމުން އަންނަ ވާހަކަ ބުނުމުން "އަދި މިކަމަށް ގޮތެއް ނިންމާފަ ނެތީމަ އެހާތަނަށް އުޅެވޭތޯ ބަލައްޗޭ " މިފަދައިން ޖަވާބު ދެއްވި ކަމަށް އޭނާ ބުންޏެވެ.
އިއްޔެ އޭނާވަނީ އޭނާގެ ހާލަތު ބަޔާންކޮށް ފުލުހުން ދެއްވި އީމެއިލް އެޑްރެހަކަށް މެއިލް ވެސް ކޮށްފައެވެ. ނަމަވެސް ޖަވާބަކަށް ވިދާޅުވެފައިވަނީ ފުރަބަންދުގެ ސަބަބުން ހުއްދަ ނުދެވޭނެ ކަމަށާއި އާއިލާއާއި އެކުވެރިންގެ އެހީތެރިކަން މިދުވަސްކޮޅު ހޯދުމަށެވެ. އަދި ސޯޝަލް ސަޕޯޓު ބޭނުންނަމަ ޖެންޑަރ މިނިސްޓްރީއަށް ގުޅުމަށެވެ.
އޭނާ ބުނީ ޖެންޑާ މިނިސްޓްރީ އަށް ވެސް ކުރިން ގުޅި ކަމަށާއި އޭނާގެ އާއިލާއަކީ އެވަރުގެ އަތްމަތި ތަނަސް ބައެއް ނޫން ކަމަށް ފުލުހުންނަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އަދި މުއްސަނދިން ނޫނީ މީހަކަށް އެހީވެވޭ ޙާލަތުގައި ހުރި މީހަކު މިއަދު ނެތް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
"ކޯވިޑް-19 އިން ރައްކާތެރިކޮށް ބެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައިގަންނަން. ނަމަވެސް ފުރަބަންދު ކުރާއިރު މިފަދަ ހާލަތެއްގައި ތިބި މީހުންނާމެދު ވެސް ކަން ކުރާނެ ގޮތް ދުރާލާ ރޭވިފައި އޮތުން މުހިންމު ކަމަށް ދެކެން" އޭނާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!