އެމެރިކާގެ ވައިޓްހައުސްގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
އަންނަ އަންގާރަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު އުފެދިދާނެ ހަމަނުޖެހުންތަކަކަށް ބަލައި ވައިޓް ހައުސްގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި މިކަން މިގޮތަށް ކުރަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގެ ނަތީޖާއަށްފަހު އެމެރިކާ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓުން ވަރަށް ގާތްކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ދެކޭތީއެވެ.
އެގޮތުން ވޮޝިންޓަން ސްޓޭޓްގެ ފުލުހުން ގެންދަނީ ވައިޓް ހައުސްއާއި ވައިޓް ހައުސް ގެ ވަށައިގެންވާ ގްރީންޒޯން ހިމެނޭ ސަރަހައްދުގެ އިމާރާތްތައް ރައްކާތެރި ކުރުމަށްޓަކައި ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޓޭޓުން ކަމަށް ވާ ޓްރަމްޕް އަދި ޖޯ ބައިޑެން އަކީ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑަށް އޮންނަ ދެ ކެނޑިޑޭޓުންނެވެ. އަދި މި ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވިޔަސް އަދި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބު ކުރެއްވިޔަސް އެމެރިކާ ހަމަނުޖެހުން ތަކެއްގެ ތެރެއަށް ވެއްޓޭނެކަމަށް އެގައުމުގެ މަސްރަހު ތަހުލީލުކުރާ ފަރާތްތަކުން ދެކެއެވެ.