ޚަބަރު

މިހާތަނަށް 5 ސިފައިން ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިހާތަނަށް 5 ސިފައިން ކޮވިޑަށް ފައްސި ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް ހުސެއިން އަލީ ވިދާޅުވީ މިހާތަނަށް އައިއިރު ސިފައިންގެ ތެރެއިން ފަސް މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ.

އަދި އެކޭސްތަކާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނު ކުރަމުންދާ ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ މިއީ ކުރިމަތިވާނެ ހާލަތެއްކަން އެނގޭކަމަށާއި އެމްއެންޑީއެފްފެ ލީޑާޝިޕް ވަނީ މިކަމަށް ތައްޔާރުވެފައި ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބައޮތް. އެސްއޯޕީ ތަކެއް އެބަހުރި، ސްޓޭންޑަރޑްތަކެއް އެބަހުރި އެކުލަވާލެވިފައި. އަޅުގަނޑުމެންނަށް އެކުލަވާލެވިފައި ހުރި މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތް ކުރަމުން އެބަގެންދަން" އޭނާ ވިދާޅުވިއެވެ.

އަދި ސިފައިންގެ މަރުކަޒު ތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އެފިޔަވަޅުތަކާއި ގުޅޭ ޑޮކިޔުމެންޓްސްތައް ވެސް އެބަހުރި ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން އިތުރަށް ވިދާޅުވީ ސިފައިންގެ އެންމެ މަތީ ފަންތީގެ އިސްވެރިންނާ ހަމައިން ފެށިގެން ސިފައިންގެ ބޭކަލުން ގެއަށް ވަޑައިނުގެން ރައްޔިތުންގެ ޚިދުމަތުގައި ތިއްބަވާތާ ތިން ހަފްތާ ވެދާނެ ކަމަށެވެ.

ސިފައިންގެ މީހަކު ބައްޔަށް ފައްސިވިކަން އެޗްޕީއޭ އިން ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން އޭނާއާ ކޮންޓެކްޓުވި 41 މީހަކު އެބަތިބި ކަމަށް އެޗްޕީއޭ އިން އޭރު ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!