ކުޅިވަރު

ފުޓުބޯޅަ އަލުން ފަށާއިރު ދަނޑުމައްޗަށް ކުޅުޖަހާނަމަ، ރީނދޫކާޑު ދައްކަފާނެ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންތައް އުވާލާ ދުނިޔެ ހަރަކާތްތެރިވާން ފެށުމުން ފުޓުބޯޅަ މުބާރާތްތައް ބޭއްވުމުގައި، ސިއްޙީ ރައްކާތެރިކަމަށްޓަކައި ދަނޑުމަތީގައި ޢަމަލު ކުރަންޖެހޭ ގަވާއިދަށް ބޮޑު ބަދަލެއް، ގެންނާނެ ކަމުގެ އިޝާރާތެއް ފުޓްބޯޅައިގެ މައި އިދާރާ ، ފީފާ އިން ދީފިއެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ގެންނަ މި ބަދަލަކީ ދަނޑުމަތީގައި ކުޅުޖެހުން މަނާކުރުމެވެ. މިގޮތަށް ކުޅުޖެހުން މަނާކުރަނީ، ކޮވިޑް-19 ގެ ޢަލާމަތް ނުފެންނަ މީހެއްގެ ފަރާތުންވެސް އެބަލި އެހެން މީހަކަށް ޖެހުމުގެ ފުރުސަތު އޮތުމާއި، ދަނޑުމައްޗަށް ކުޅުޖެހުމުން އޭގެ ޒަރީޢާއިން އެހެން މީހުންނަށް ބަލި ޖެހިދާނެ ކަމުގެ އިންޒާރު ސައިންޓިސްޓުން ދީފައިވާތީއެވެ.

ދަނޑުމަތީގައި ކުޅުޖެހުމަކީ ކިތަންމެ އާންމުކަމެއް ނަމަވެސް، މިއީ ސިއްޙީގޮތުން ރައްކާތެރިކަމަކަށް ނުވާތީ، ދެން ފުޓުބޯޅަ ދަނޑުގައި ކުޅުޖަހާ ކުޅުންތެރިންނަށް ރީނދޫކާޑު ދެއްކުމުގެ ފުރުސަތު އޮތްކަމަށް، ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއަރމަން "ދަ ޓެލެގްރާފް" އާ ވާހަކަ ދައްކަމުން ވަނީ ހާމަ ކޮށްފައެވެ. އަދި ޔުނިވަރސިޓީ އޮފް ކެމްރިޖްގެ ޑޮކްޓަރެއްކަމަށްވާ ޑރ. އިއާން ބްރީލީ ހާމަ ކުރި ގޮތުގައި، ކޮރޯނާވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން އަލާމާތް ފެނުނަސް ނުފެނުނަސް އެމީހެއްގެ ކަރުގައި ވައިރަސް ހުންނާނެކަމަށެވެ. އެހެން ކަމުން ކުޅުޖަހާނަމަ، އެ ކުޅާއި އެކުގައި ވައިރަސް ބޭރުވާނެކަމީ ޔަގީން ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ޓަކައި ފުޓްބޯޅައިގެ މައި އިދާރާއިން މިފަދަ ވިސްނުމެއް އިސްކުރިއިރު ކްރިކެޓްކުޅުމުގައި ވެސް ބެޓްގައި ކުޅުލުން ފަދަ ކަންކަން ހުއްޓުވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!