އަންހެނަކަށް ފުރަައްސާރަ ކުރި މައްސަލައިގައި "ގަލީ ބޯއި" ގެ އެކްޓަރ ވިޖޭ ހައްޔަރުކޮށްފި

ބޮލީވުޑްގެ ސުޕަރހިޓް ފިލްމު "ގަލީ ބޯއި" އިން ހޫނު ތަރުހީބެއް ލިބުނު ވިޖޭ ރާޒް ހައްޔަރު ކޮށްފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ވިޖޭ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވިޖޭ ހައްޔަރުކުރީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ "ޝޭރްނީ" ފިލްމުގެ ސެޓުގައި، އެތަނުގައި މަސައްކަތް ކުރަން ހުރި އަންހެން މުވައްޒަފަކަށް ފުރައްސާރަ ކުރުމުންނެވެ.
ގޮނޑިއާ ޕޮލިސް ސްޓޭޝަންގެ ތަރުޖަމާނު އަތުލް ކުލްކަރްނީ ވަނީ، ވިޖޭ ހައްޔަރު ކޮށްފައިވާކަން އިންޑިއާގެ މީޑިއާތަކަށް ޔަގީންކޮށް ދީފައެވެ.
"އެތަނުގައި ކޮންމެވެސް ޝޫޓިންއެއް ކުރިއަށް ދިޔަ. ފިލްމު ސެޓުގެ އަންހެން ކްރޫ މެންބަރަކު ގުޅާފަ މައްސަލަ ރިޕޯޓުކުރީ ވިޖޭ އޭނާއަށް ފުރައްސާރަ ކުރިކަމަށް. ފުލުހުން އެތަނަށް ގޮސް، މިހާރު އޭނާ ހުރީ ހައްޔަރު ކޮށްފަ" އަތުލް ބުނެފައި ވެއެވެ.
ގަލީ ބޯއީ ގެ އިތުރުން ވިޖޭ ފެނިފައިވާ އެހެން ފިލްމުތަކަކީ "ވެލްކަމް"، "ޑެލީ ބެލީ"، "ދޭޅް އިޝްޤިޔާ"، "މުމްބައި އެކްސްޕްރެސް" އަދި "މޮންސޫން ވެޑިންގ" އެވެ.
ވިޖޭ ފިލްމީ ދާއިރާއަށް ތަޢާރަފްވެފައި ވަނީ 2000 ވަނަ އަހަރު ރިލީޒްވި "ޖަންގަލް" އިންނެވެ.