ޚަބަރު

ސީޕީއަށް ޝުޖާއުގެ ރައްދު: ފަތެއް ހިރިލިޔަސް ހީފުޅުވަނީ ވެރިކަން ވެއްޓެނީ ކަމަށްތޯ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުލުހުން މިސަރުކާރު ވައްޓާ ނުލާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ހިނގާދިޔަ ކަންކަމުން ފުލުހުންނަށް ވަރަށް ބޮޑެތި އިބުރަތްތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި އެގޮތުން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އެފަދަ ކަމެއް (ވެރިކަން ވެއްޓުން ފަދަ ކަމެއް) ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސީޕީ ހަމީދުގެ މިވާހަކަތަކަށް ރައްދު ދެއްވާ، ވެރިކަން ވައްޓަން އުޅެނީ ކޮންބައެއްތޯ ޝުޖާއު ވަނީ ސުވާލު ކުރައްވާފައެވެ.

"އަމިއްލައަށް ހާދަ ވަރަކަށް ވެރިކަން ވައްޓާ ވާހަކަ ތިދައްކަވަނީ؟ ފަތެއް ހިރިލިޔަސް ހީފުޅު ވަނީ ވެރިކަން ވެއްޓެނީ ކަމަށްތޯ؟" ޝުޖާއު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ފުލުހުން ވަނީ އިދިކޮޅުން އިންތިޒާމު ކޮށްގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާ ތެރެއިން ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ހަމަ އެރޭ އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!