ސަނީ ލިއޯނި އެނބުރި އިންޑިއާ އަށް!

ހަ މަސް ދުވަހަށް ފަހު ބޮލީވުޑު ތަރި ސަނީ ލިއޯނީ އެނބުރި އިންޑިއާ އަށް ގޮސްފިއެވެ.
ފިރިމީހާ އާއި ދަރިންނާއެކު ސަނީ ލޮސްއެންޖެނެސްއަށް ދިރިއުޅުން ބަދަލުކުރީ މި މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސަބަބެއް ކަމުގައި ސަނީ ބުނީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19އިން ދުރުވެ ހިތްގައިމު މާހައުލެއްގައި ހުރެވޭނީ އެ ތަނުގައި ކަމަށް ފެންނާތީއާއި ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް ކަމަށެވެ.
ސަނީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ އަކާއެކު ބުނީ 6 މަސް ދުވަސް ފަހުން އެނބުރި ގެއަށް، މުމްބާއީ އާދެވިއްޖެ ކަމަށެވެ. ނަމަވެސް އާއިލާއާ ދުރުގައި އެކަނި އިންޑިއާ އަށް އަންނަން ޖެހުމުން ސަނީ ވަނީ އެކަމާ ވަރަށް ދެރަވާ ކަން ވެސް ފާހަގަކޮށްފައެވެ.
"އާއިލާ އާ ވަކިން މިދަނީ ބަރު ހިތަކާއެކު. އެކަމަކު މިއީ މަސައްކަތަށް އެނބުރި ދާންވީ ވަގުތު" ސަނީ ބުނެފައިވެއެވެ.
ދަތުރުމަތީގައި ސަނީ ފެނިގެން ދިޔައީ ވަރަށް ވެސް އާދައިގެ ލުކް އަކުންނެވެ. އެގޮތުން ކަޅު ޓީޝާޓަކާއި ކަޅު ޖެކެޓެއްގައި ސަނީ ފެނިގެން ދިޔައީ މާސްކު އަޅައި ރައްކާތެރިވެގެން ހުރި ކަން ވެސް ފާހަގަ ކޮށްލެވެއެވެ.