ރައްޔިތުންގެ ކިބައިން ފުލުހުން މާފަށް އެދެން ޖެހޭ: އިންތި

ސަރުކާރު ވައްޓާލަން ނުކުތުމަކީ ފުލުހުންގެ މުއަައްސަސާއިން ކުރާނެކަމެއް ނޫން ކަމުގެ ޔަގީންކަން ދޭނަމަ، ދިވެހި ރައްޔިތުންގެ ކިބައިން ފުލުހުން މާފަށް އެދެން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް (އިންތި) ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައިވަނީ ގައިރު ގާނޫނީ އަމުރުތަކަށް ތަބާވެ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުވައްސަސާއިން ކުރާނެ ކަމެއް ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި މިހާރު ތިބި މީހުންނާއި އަލަށް ގުޅެމުންދާ މީހުން ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމުގެ ޔަގީންކަން އޮންނަނީ އެ މުވައްސަސާއަށް ގެނެވެމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
މިކަމާއި ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ޔަގީންކަން އޮތްނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، "ޓުރުތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.