ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކަމަށް ބުނެ ފެތުރެނީ ދޮގު ޚަބަރެއް: ސަރުކާރު

ދިވެހި ކަނޑުމަހުގެ ބާވަތްތައް އަވަށްޓެރި ޝްރީލަންކާއަށް އެތެރެކުރުން މަނާ ކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ޝްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
އެމިނިސްޓްރީން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ޝްރީލަންކާގެ ކަމާއިބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ޝްރީލަންކާ އަށް އެތެރެ ކުރެވޭނެ ކަމުގެ ޔަޤީންކަން ޝްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފަ" އެމިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހި ކަނޑުމަހުގެ ބާވަތްތައް ޝްރީލަންކާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ކަމުގެ ޚަބަރުތައް މީސް މީޑިއާގައި ފެތުރެމުންދާއިރު، އެޤައުމުން ކަނޑުމަހުގެ ބާވަތްތައް އެތެރެ ކުރުން މަނާ ކޮށްފައިވާ ކަމަށް ބުނާ ލިޔުމެއްވެސް ދަނީ ދައުރުވަމުންނެވެ.