ރިޕޯޓް

ނަލަނަލަ ދިވެހިރާއްޖެ، ހަޑިކުރަނީ އަހަރެމެން ދިވެހީން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާ ކަނޑުގައި ޖަރީ ވެފައިވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރަށްތަކަކީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި މޮޅެތި ލިޔުންތެރިން ސިފަކުރައްވާފައި ވެއެވެ. މުޅި ދުނިޔޭގައި ވެސް އަޅުގަނޑުމެންގެ ރާއްޖެ މަޝްހޫރުވެފައި އޮންނަނީ އެގޮތުގެ މަތީންނެވެ. އަޅުގަނޑުމެންނަށް ގުދުރަތުން ދެއްވާފައިވާ ސްޕޮންޖު ކޮޅެއް ފަދަ ހިތްގައިމު ގޮނޑުދޮށް ތަކާއި ބިއްލޫރިކޮޅެއް ފަދަ ރީތި މޫދަކީ އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު އެއް ރައުސުލްމާލް ކަން ޔަގީނެވެ. އަޅުގަނޑުމެންގެ އިގްތިޞާދު ބިނާވެފައި ވަނީ ޓުއަރިޒަމްގެ މައްޗަށް ކަމުގައިވާއިރު، މި އަގުބޮޑު ރައުސުލްމާލަށް އަޅުގަނޑުމެން ރައްކާތެރިވާން އެބަ ޖެހެއެވެ.

Ads by STELCO

އަޅުގަނޑުމެންނަށް ލިބިފައިވާ މި ހިތްގައިމު ކުދިކުދި ރަށްތަކުން ބިނާވެފައިވާ ދުނިޔެމަތީގެ "ސުވަރުގެ"އާ ދޭތެރޭ އެކަށީގެންވާ މިންވަރަށް އަޅުގަނޑުމެންނަށް ރައްކާތެރިވެވޭ ބާވައެވެ؟ އަޅުގަނޑުމެންނަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައި މިވާ މަތިވެރި ނިޢުމަތަށް ޝުކުރުވެރި ވެވޭބާވައެވެ؟ މި ހިތްގައިމު ތިމާވެށީ، ހިތްގައިމުކަންމަތީ ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންނަށް ފަރުދީ ޒިންމާ އަދާ ކުރެވޭ ބާވައެވެ؟ މިހުރީ ހުސް ސުވާލެވެ. މިސުވާލުތައް ނިކަން ތިބާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ.

ދާދި އިހަކަށް ދުވަހު ރަހުމަތްތެރިން ތަކަކާއި އެކު އަޅުގަނޑު ދަތުރަކު ގޮސްފީމެވެ. މާލެ ބޭރުގައި ހިއްކާފައި އޮތް ފިނޮޅަކަށެވެ. ފެނުނީ ހިތާމަވެރި މަންޒަރެކެވެ. ބަލަން އެންމެ ބޭނުންވި މަންޒަރެއް ނޫނެވެ. ފިނޮޅު ކިތަންމެހާ ވެސް ރީއްޗެވެ. އެހާމެ ހިތްގަައިމެވެ. ނަމަވެސް ސާފު ދޮންވެލިން ޖަރީވެފައިވާ އެރީތި ގޮނޑުދޮށް ހަޑިކޮށްފައިވާ ތަން ފެނުނީ އަޅުގަނޑުމެން ދިވެހީންގެ އަތުންނެވެ. ކޮންމެ ދުވަހަކުމެ އެތައް ބަޔަކު، އެފިނޮޅަށް ދަތުރު ގޮސް އުޅެއެވެ. އެއީ ދިވެހިންކަން ޔަގީން ވަނީ ފިނޮޅުގެ ގޮނޑުދޮށަށް އުކާފައިވާ އެކި ފާޑުފާޑުގެ ލުއިކާނާ ހުސްކުރި ޕަކެޓުތަކާއި ދަޅުތައް، އުކާފައިވާ ތަން ފެނުމުންނެވެ.

ދަންނަވަންތޯއެވެ؟ އެއީ ވެސް އަޅުގަނޑުމެންގެ ރައުސުލްމާލުން ބައެކެވެ. ތެދެކެވެ. ވެމްކޯއަކުން އެކުނިތައް ނަގާކަށެއް ނުދާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިންނަށް ވާހިނދު، އެފިނޮޅު ރީއްޗަށް ބޭއްވުމުގައި އަޅުގަނޑުމެންގެ ޒިންމާ ނުވޭތޯއެވެ؟ ދަތުރުދާއިރު، ގޯންޏެއްފަދަ އެއްޗެއް ކުނިއަޅަން ގެންގޮސް ދަތުރު ނިންމާފައި އަންނައިރު، އެގޯނި ގެނައުމަކީ މިކިޔާ ފަރުދީ ޒިންމާ އަދާ ކުރުމެވެ. ބުރަކަމަކަށް ވަނީތޯއެވެ؟ ދަތުރުދާއިރު، ސަކަރާތް ޖެހުމަށްޓަކައި، ކޫސަނި އެހެން އެއްޗެހި ވެސް ގެންދެވޭ ދޯއެވެ. އެހެންވިއްޔާ ކުނި އަޅާނެ ގޯންޏެއް ވެސް ގެންދެވެން ވާނެއެވެ.

މިއީ އަޅުގަނޑަށް ފެނުނު ކުޑަކުޑަ މަންޒަރެކެވެ. ހަގީގަތުގައި ވެސް އެމަންޒަރު ފެނި އަޅުގަނޑު ވަރަށް ދެރަވިއެވެ. ހިތަށް އަސަރު ކުރިއެވެ. ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން "ފެއިލް" ވަމުންދާ ކަމުގެ އިހުސާސް ހިނދުކޮޅަކަށް ނަމަވެސް އަޅުގަނޑަށް ކުރެވުނެވެ. އެމަންޒަރު ފެނުމުން އަޅުގަނޑަށް ހިތާހިތާ ކިޔާލެވުނެވެ. ނަލަނަލަ ދިވެހިރާއްޖެ ހަޑިކުރަނީ އަހަރެމެން ދިވެހީންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!