ޚަބަރު

މާލެއިން ރަށް ރަށަށް ދާނަމަ އަދިވެސް ކަރަންޓީނު ވާންޖެހޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެއިން ރަށް ރަށަށް ދާއިރު އަދިވެސް ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިރޭ ވަނީ ލުއި ދީފައެވެ. އަދި ކަރަންޓީނު ފުރަބަންދަށް ލުއިތަކެއް ދޭން އުޅޭ ކަމަށް ވެސް އަޑު ފެތުރިފައެވެ. ނަމަވެސް މިރޭ ދިން ލުއި ތަކުގައި ކަރަންޓީނު ފުރަބަންދަށް އެއްވެސް ލުޔެއް ދީފައެއް ނުވެއެވެ.

އެޗްޕީއޭ އިން ދީފައިވާ ދީފައިވާ ލުއިތަކުގެ ތެރޭގައި:

1. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުން.
2 .ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުން.
3 .އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިޔުން.
4 .ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުން.
5 .ގޭގައި މަސައްކަތްކުރާ ގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނިކުމެ މަސައްކަތް ކުރުން.

މީގެ އިތުރުން މާލެ ތޭރޭގައި އުޅެވޭ ވަގުތުތައް ވެސް ވަނީ އިތުރު ކޮށްފައެވެ. މިގޮތުން، މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާ ކޮށްފައިވާއިރު، މީގެ ކުރިން ދަންވަރު 11 ގެ ފަހުން މަގުމައްޗަށް ނިކުތުން އޮތީ މަނާ ކޮށްފައެވެ.

މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ގަވައިދު ކަނޑައެޅީ ޖޫން މަހުގެ ތެރޭގައެވެ. ފުރަތަމަ 24 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް ނިންމި ނަމަވެސް ފަހުން މި މުއްދަތު ވަނީ 14 ދުވަހަށް ކުރު ކޮށްފައެވެ.

 

Ads by HDC
  1. ދިދަ ދަނޑި

    މިދެން މިހާރު ބޮޑުވެއްޖެ ކަމެއް.. މާލެއިން ދަންޏާ އަޅެފަހެ ކިހިނެތް ވަނީތަ… އެތަން މިތަނުން މާލެ އައިސް ނާޗަރަންގީ ކުޅޭމީހުން ކަރަންޓީން ވާކަށް ނުޖެހޭ…