ދީން

ރިޕޯޓް: އިސްލާމްދީން އުނގެނެން ލޯފަން މީހަކު ކުރި މަސައްކަތުން އޭނާއަށް ލިބުނީ ﷲގެ ހިދާޔަތް

ދެން އެމްވީ ، ދެން އޮންލައިން

މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ނުފެންނަނީ އެއިންސާނާގެ ލޮލަކަށް ނޫނެވެ. އޭނާގެ ހިތަށެވެ." (ޤުރްއާން 22:46)

Ads by STELCO

ލޮލަށް ފެނުމުގެ ނަސީބު ލިބިފައިވާ ކިތަންމެ ބައެއްގެ ހިތަކަށް ނުފެނެއެވެ. އެމީހުންގެ ހިތަކަށް ޙައްޤެއް ނުފެނެއެވެ. ޙައްޤުގެ އަލިކަމެއް އެ ހިތަކު ނުވެއެވެ. ހެވާ ނުބައި ރަނގަޅަށް ފެންނަ ނަމަވެސް ހިތް ވަނީ ކަޅުވެފައެވެ. އޭނާގެ ހިތް އެދެނީ ދުނިޔެ ފަހަތުން ދުވުމަށެވެ.

މިއީ ލޯފަން މީހެއްގެ ވާހަކައެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އޭނާގެ ހިތަށް ފެނި، ތެދުމަގު އިޚްތިޔާރުކުރި މީހެއްގެ ވާހަކައެވެ.

ޑޭވިޑް ބައިންގް ނަމަކަށް ކިޔާ މިމީހާ "ދަ ދީން ޝޯވ" ގައި 2015 ވަނަ އަހަރު ބައިވެރިވެ، އޭނާއަށް އިސްލާމްދީން ޤަބޫލުކުރެވެން ފެށި ގޮތް ކިޔައިދީފައިވެއެވެ.

ޑޭވިޑް ބުނި ގޮތުގައި، އޭނާގެ ލޮލުގެ ފެނުން ގެއްލުނީ އުފަންވިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ލޮލުގެ ފެނުން ނެތްކަމުގައި ވިޔަސް ޑޭވިޑްއަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް އޭނާ ބުންޏެވެ.

އިސްލާމްދީނަށް ޑޭވިޑް ޝައުޤުވެރިކަން އުފެދުނީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ކުރިން އެމެރިކާގެ އެކިއެކި މީޑިއާތަކާއި އެހެނިހެން ގޮތްގޮތުން، ޑޭވިޑަށް އިސްލާމްދީނާއި ބެހޭގޮތުން އިވިފައިވަނީ ވަރަށް ވެސް ހަޑިހުތުރު ދޮގު ވާހަކަތަކެކެވެ. އެވާހަކަތައް އަޑުއަހަން އިނދެފައި އެއްދުވަހު އޭނާ ބުނީ، އިސްލާމްދީނާއި ބެހޭ ގޮތުން އޭނާ އަމިއްލައަށް މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ. އަދި އޭނާއަށް އިވޭ ހުރިހާ ވާހަކައެއް، އެއީ ތެދުކަމަށް ޤަބޫލު ކުރަން ދަތި ކަމަށް ވެސް ޑޭވިޑް ބުންޏެވެ.

ނަމަވެސް ޑޭވިޑް އަށް އިސްލާމްދީނާއި ބެހޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދުނީ އޭގެ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. ޑޭވިޑް ބުނި ގޮތުގައި،ޢިރާޤަށް ނިސްބަތްވާ ޅިޔަނެއްގެ ފަރާތުން އިސްލާމްދީނާއި ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އޭނާއަށް އެނގެން ފެށިއެވެ. ދީނީ އަޅުކަން ފުރިހަމައަށް އަދާ ނުކުރި ކަމުގައި ވިޔަސް، މުސްލިމުންނާއި މެދު އެމެރިކާގެ ބައެއް މީހުން ފަތުރާފައިވާ ދޮގު ވާހަކަތަކާއި، އިސްލާމްދީނުގައި ކަންކަން އޮންނަ އަސްލު ހަމަތައް އޭނާ ޑޭވިޑް އަށް ކިޔައިދިނެވެ.

ޑޭވިޑް އަށް އަޑުއިވިފައިވާ ގޮތުގައި، މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. އަދިމުސްލިމުންގެ މެދުގައި އެއްވެސް ސުލްޙަ މަސަލަސްކަމެއް ވެސް ނޯވެއެވެ. ނަމަވެސް އޭނާގެ ޅިޔަނު އޭނާއަށް ކިޔައިދިން ގޮތުގައި އިސްލާމްދީނަކީ ވަރަށް ވެސް ސުލްޙަވެރި ދީނެކެވެ. އިސްލާމްދީނުގެ މާނައަކީ ސުލްޙަވެރިކަމާއި އެކީ ހެއްދެވި ފަރާތަށް ކުއްތަންވުން ކަމުގައިވެސް ޑޭވިޑްއަށް ކިޔައިދިނެވެ.

އިސްލާމްދީނަކީ ބިރުވެރި ދީނެއްކަމަށް ޑޭވިޑްއަށް ކުރިން ސިފަކޮށްދީފައިވީ ނަމަވެސް، އެހެން މީހުންނާއި ޚިލާފަށް އޭނާ ދިޔައީ އިސްލާމް ދީނާއި ގާތް ވަމުންނެވެ. ޑޭވިޑް ބުނިގޮތުގައި، އޭނާގެ ޅިޔަނުގެ ފަރާތުން އިސްލާމް ދީނާއި ބެހޭ ގޮތުން އިވެމުންދިޔަ ރީތި ވާހަކަތަކުގެ ސަބަބުން، ބޮޑަށް އިސްލާމް ދީނާއި ގާތް ވެވެން ފެށުނެވެ. ޑޭވިޑް ބުނި ގޮތުގައި، އެމީހުން ދެއްކި ވާހަކަތައް އޭނާއަށް އެހާ ފަސޭހައިން ޤަބޫލު ނުކުރެވުނު އެއް ސަބަބަކީ، އެމީހުންގެ ދީނުގައި (ކްރިސްޓިއަން ދީނުގައި) އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ އައިސްފައިވާތީއެވެ. އެހެންކަމުން އޭގައި އެހިމެނެނީ ތެދު ވާހަކަ ނޫންކަމަށް ޝައްކުވިކަމަށް ވެސް އޭނާ ބުންޏެވެ.

"ބައިބްލް އަށް ބެލިކަމުގައި ވިޔަސް، އެކި ސަރަޙައްދުގައި ގެންގުޅެނީ އެކި ބައިބްލް. ކޮންމެ އެއްޗެއްވެސް އެކަތި އަނެކައްޗާ ތަފާތު. އެކަމަކު ކީރިތި ޤުރްއާނުގެ ހުރިހާ ޗާޕެއްގައި ވެސް ވަނީ ހަމަ އެއްބަސްތަކެއް. އެއްފޮތެއް އެއީ. އެކަމާއި ވެސް އަހަރެން ހައިރާންވެ، އިސްލާމްދީނަށް ބޮޑަށް ލެނބެން ފެށި" ޑޭވިޑް ބުންޏެވެ.

ތެދުމަގާއި ދޭތެރޭ ވިސްނެން ފެށުމުން، (ކްރިސްޓިއަނުން ޤަބޫލު ކުރާ ގޮތާއި ޚިލާފަށް) ޢީސާ އަލައިޙިއްސަލާމް އަކީ މާތް ﷲ ގެ ދަރިކަލެއް ނޫންކަން ޤަބޫލުކުރަން އުނދަގޫވިތޯ ސުވާލު ކުރުމުން ޑޭވިޑް ބުނީ، އޭނާގެ ހިތުގައި ކުރިންވެސް އެކަމާއިމެދު ސުވާލު އުފެދުނު ކަމަށާއި އެކަންވީ އޭނާއަށް ކުރިންވެސް ޤަބޫލު ކުރަން އުނދަގޫ ކަމެއް ކަމަށެވެ. އަދި ޢީސާ އަލައިޙިއްސަލާމް އަކީ ޙަޤީޤަތުގައި އެކަލާނގެ ރަސޫލެއްކަން އޭނާއަށް އެނގުމުން ، އެކަން ސިކުނޑިއަށް ވަރަށް ފަސޭޙައިން ޤަބޫލު ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އިސްލާމްދީނާއި ބެހޭގޮތުން ޅިޔަނު ދިން މައުލޫމާތުތަކުގެ ސަބަބުން، އިތުރަށް އޮޅުން ފިލުވަން ޑޭވިޑް ބޭނުންވިއެވެ. އެގޮތުން ޗިކާގޯ ގެ ބައެއް މުސްލިމް ޑްރައިވަރުން، ބަންގީގެ އަޑު އިވުމާއިއެކު މިސްކިތައް ދާން އަވަސްވެ ގަންނަކަން ޑޭވިޑްއަށް ވަނީ އެނގިފައެވެ.އެމީހުންނަކީ ދީނީ ކަންކަމުގައި ޅިޔަނަށްވުރެ ބޮޑަށް ހޭލުންތެރި ބައެއްކަން ޑޭވިޑްއަށް އެނގުނެވެ. އެހެންކަމުން، ވަރަށް މަސައްކަތުން އެއްދުވަހު، މުސްލިމް ޓެކްސީ ޑްރައިވަރަކާއި އޭނާ ބައްދަލު ކުރިއެވެ. އަދި އެމީހުންގެ ފަރާތުން އިސްލާމްދީނުގެ ރުކުންތަކާއި ރަސޫލާ (ޞޢޥ) ގެ ސުންނަތްތަކާއި ބެހޭގޮތުން އޭނާއަށް މައުލޫމާތު ލިބުނެވެ. އިސްލާމީ ތާރީޚުގެ ރިވެތި އެތަކެއް ވާހަކަތަކެއް އިވި، އެވާހަކަތައް ސީދާ އޭނާގެ ހިތުގެ އެންމެ ފުން މިނަށް ވަނެވެ.

ޑޭވިޑް ބައިންގް އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ، ލޮލަށް ނުފެނުނު ނަމަވެސް މިހުރިހާ ކަމެއް އޭނާގެ ހިތަށް ފެނި، ސިކުނޑިއަށް ފުރިހަމައަށް ޤަބޫލު ކުރެވުމުނެވެ. އޭނާ އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ "ދަ ދީން ޝޯވ" ގައެވެ. ﷲ ، ޑޭވިޑަށް ބަރަކާތް ލައްވާށިއެވެ. އޭނާގެ ދިރިއުޅުން ފަސޭހަ ކުރައްވާށިއެވެ. އާމީން!

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!