ދީން

"މިހާރު ބުރުގާ އަޅަން ޖެހިލުމެއް ނުވޭ، ބުރުގާއިން ރަމްޒުކޮށްދެނީ އަހަންނަކީ މުސްލިމެއްކަން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އަހަރެން އުފަންވީ ނަޞާރާ އާއިލާއަކަށެވެ. އެހެންކަމުން އުމުރުން 31 އަހަރާ ހަމައަށް ވެސް އަހަންނަށް އެނގެމުން ދިޔައީ ވެސް ހަމައެކަނި އެދީނުގެ ކަންކަމެވެ.

Ads by STELCO

ނަމަވެސް މައިންބަފައިން ބުނާ ގޮތަކަށް 'އަޅުކަމޭ' ހީކޮށް އެއިރު އަހަރެން ކުރި އެއްވެސް ކަމަކުން އަހަންނަކަށް ހަމަޖެހުމެއް ނުލިބުނެވެ. އީސާގެފާނަކީ ކަލާނގެކަމަށް ބުނި ނަމަވެސް، އެކަލޭގެފާނު ގޮވައިލެއްވީ މާތް ﷲއަށް އަޅުކަން ކުރަން ކަމަށް އަހަންނަށް އެނގެމުން ދިޔައެވެ. އަދި އެކަލޭގެފާނަކީ މާތް ﷲގެ ދަރިކަލުންކަމަށް ވެސް ބުނަމުން ދިޔުމުން އަހަންނަށް އެވާހަކަތައް ފަސޭހައިން ޤަބޫލެއް ނުކުރެވުނެވެ.

އުމުރުން 31 އަހަރުގައި އީރާނު މީހަކާ އަހަރެން ކައިވެެނި ކުރީމެވެ. އޭނާއަކީ ވެސް ނަޞާރާ ދީނުގެ މީހެކެވެ. އެކަމަކު އޭނާ އަހަންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތައް އަނިޔާތަކެއް ދިނުމުން، އޭނާ ކައިރިން އަހަރެން ދުރަށް ދިޔައިމެވެ. ދީނީ ގޮތުން އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ހޯދަން ފެށީ އޭގެ ފަހުންނެވެ.

އެގޮތުން ނަޞާރާއިން އެންމެ ނަފްރަތު ކުރާ އެއްބަޔަކީ މުސްލިމުން ކަމުގައިވާތީ، އެންމެ ފުރަތަމަ ހޯދަން ފެށީ މުސްލިމުން ދެކެ ނަފްރަތު ކުރާ ސަބަބެވެ.

އެގޮތުން ޚަބަރުތަކުގައި މުސްލިމުންނާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތައް ކިޔުމަށް ފަހު، އިސްލާމްދީނާ ބެހޭ ގޮތުން އަހަރެން ދިރާސާ ކުރަން ފެށީމެވެ.

އިސްލާމްދީނާ ބެހޭގޮތުން މައުލޫމާތު ހޯދިވަރުން އަހަންނަށް އެއްކަމަކަށް ވަރަށް ފާހަގަވީ، މި ދީނުގައި އަންހެނުންނަށް އޮންނަ އިހުތިރާމެއްގެ ބޮޑު ކަމެވެ. މިސްކިތްތަކުގައި ވެސް އަންހެނުންނަށް ހާއްސަ ވަކި ޖާގައެއް ހުރުމާއި ދަރިން ހޯދުމާއި ތަރުބިއްޔަތު ކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ރޯލު އިސްލާމްދީނުގައި ފާހަގަ ކޮށްފައިވުމުން، އަހަރެން ވަރަށް ހައިރާންވެ ހިތްހަމަޖެހުނެވެ.

ފިރިހެނުންގެ ނަޒަރުތަކުން އަންހެނުން ސަލާމަތް ކުރަނީ ދެ ޖިންސުގެ މީހުންނަށް ވެސް ރަނގަޅަކަށްކަން އަހަންނަށް އެނގުމުން، އިސްލާމްދީނަށް ޓަކައި އަހަރެންގެ ހިތުގައި އޮތް ޤަދަރު އުފުލިގެން ދިޔައެވެ. މުސްލިމަކަށް ވާން އަހަރެން ނިންމީ އެހިސާބުންނެވެ.

އިސްލާމްދީން ޤަބޫލު ކުރުމަށް ފަހު، އަހަންނަށް އެންމެ ބޮޑު ހުރަހަކައި ދިމާވީ އަަހަރެންގެ ޤައުމުން ވަޒީފާއެއް ހޯދުމަށާއި ބުރުގާ އަޅައިގެން ބޭރުތެރޭގައި އުޅުމުގެ ދަތިކަމެވެ.

އެހެންކަމުން އެއް ފަހަރު އަހަރެން ބުރުގާ އަޅައިފައި ނެގީމެވެ. ނަމަވެސް ޝެއިޚަކާ ވާހަކަ ދެއްކުމަށް ފަހު، އަނެއްކާ ވެސް ބުރުގާ އެޅީމެވެ. ނުހަނު ފަހުރުވެރިކަމާ އެކު އަހަރެން މިހާރު ބުރުގާ އަޅަނީ އޭގެން އަހަންނަކީ މުސްލިމެއްކަން ރަމްޒު ކޮށްދޭތީއެވެ."

- ޖޭމީ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!