ހަގީގީ ހާދިސާ

ޙަޤީޤީ ހާދިސާ: ދަރިފުޅުގެ ފަހު ބަސް، ''ބައްޕާއެވެ! ލަދެއް ނުގަނޭ ހެއްޔެވެ؟''

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންސާނުންނަށް ވީތީ ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެއެވެ. ފާފަތައް ކުރެވޭނެއެވެ. ނަމަވެސް އެންމެ ބުއްދިވެރި މީހަކީ ފާފަތަކުން ތައުބާވެ ޙަޔާތުގެ މަގު ސީދާ ކުރާ މީހާއެވެ. ފާފައިގެ އަނދިރި ޙަޔާތުން ނިކުމެ ﷲގެ މަގުގައި ޙަޔާތް ވޭތު ކުރާ މީހާއެވެ.

Ads by Sosun Fihaara

ޣާފިލްކަމުގައި ޙަޔާތް ހޭދަ ކުރަމުންދާ މީހުން ، ތެދުމަގަށް ވާޞިލް ވުމަށް އެކި ކަންކަން މެދުވެރިވެއެވެ. ޙަޔާތަށް ކުރިމަތިވާ ދަތިކަމަކުން ނުވަތަ ލޯބިވާ މީހަކު ގެއްލުމުން ދުނިޔޭގެ ޙަޤީޤީ މަޤްޞަދު އެމީހުންނަށް ސާފުވެއެވެ. ނަމަވެސް އަހަރެމެން ބަލަންވީ މިފަދަ ހިތާމަވެރިކަމެއް ޙަޔާތަށް ކުރިމަތިވުމުގެ ކުރިން ޙަޔާތުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަ ކުރާ މީހުންނަށް ވުމަށެވެ.

މިއީ ވެސް އެފަދަ ވާހަކައެވެ. ޝައިޚް ޢަބުދުލްބާރީ ޔަހްޔާގެ ދަރުހެއްގައި ގެނެސްދީފައިވާ މި ވާހަކައަކީ އިބްރަތްތެރި ވާހަކައެކެވެ. ކުރަމުން އައި ފާފަ ހުއްޓައިލާ ޙަޔާތް ބަދަލުވެ ދިޔައީ ދަރިފުޅުގެ ފަހު ބަހަކަށްވި ހިތާމައިގެ ބަސްކޮޅާއެކުގައެވެ. ހިތާމަވެރި ވަކިވުމާއެކު ވެސް ޙަޔާތަށް ނޫރެއް ލިބިގެން ދިޔައެވެ.

މީހުން ނިދާ ހަމަ ހިމޭންވުމާއެކު އޭނާ ތެދުވިއެވެ. އަދި ސިޓިންގ ރޫމަށް ގޮސް ޓީވީ ހުޅުވާލައި ، ބަލަން ހެޔޮ ނުވާވަރުގެ އެއްޗެއް ބަލަމުން ގެންދިޔައެވެ. ކުއްލިއަކަށް އޭނާގެ އަންހެން ދަރިފުޅު ކޮޓަރިން ނިކުތެވެ. އެހިނދު އަވަހަށް ޓީވީ ނިއްވާލުމަށް އޭނާ މަސައްކަތް ކުރިއެވެ.

ނަމަވެސް ބައްޕަ ބަލަމުން އެ ގެންދަނީ ކޯއްޗެއްކަން އެނގި އެކުއްޖާ ބުންޏެވެ. ބައްޕާއެވެ! ބައްޕަ ލަދެއް ނުގަނޭ ހެއްޔެވެ؟ މިހެން ބުނެފައި އެކުއްޖާ ކޮޓަރިއަށް ވަދެއްޖެއެވެ.

ދަރިފުޅު ބުނި ބަހުން އޭނާ ހުއްޓުން އެރިއެވެ. އަދި އެބަސްކޮޅު އޭނާގެ ސިކުނޑިގައި ގުގުމަމުން ދިޔައެވެ. އެހިނދު އޭނާއަށް ގިސްލައި ރޮވެން ފެށިއެވެ. ނުނިދި އެ ޙާލުގައި ފަތިސް ވަންދެން ހޭދަ ކުރިއެވެ.

ފަތިސްވުމުން ލިބިފައިވާ ހިތްދަތިކަމާއެކު އޭނާ މިސްކިތަށް ދިޔައެވެ. އަދި ޖަމާޢަތުގައި ނަމާދު ކުރިއެވެ. އޭރުވެސް އޭނާގެ ރުއިން ހުއްޓައިލެވޭ ގޮތެއް ނުވިއެވެ. އަދި ނަމާދުކޮށް ނިމުނު ފަހުން ވެސް އޭނާގެ އިހްސާސްތަކަށް ބަދަލެއް ނައެވެ.

ނަމާދުކޮށް ނިމުމުން ބައެއް މީހުން އައިސް އޭނައާ ސުވާލު ކުރިއެވެ؟ ތިބާ ހިތާމަ ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ އޭނާގެ ރަޙުމަތްތެރިއަކު ވެސް މި ސުވާލު ތަކުރާރު ކުރިއެވެ. ރޮމުން އޭނާ ޖަވާބު ދިނެވެ. މިއީ 20 އަހަރު ތެރޭގައި އަހަރެން ކުރި ފުރަތަމަ ސަޖިދައެވެ. 20 އަހަރު ތެރޭގައި އަހަރެން ނަމާދެއް މިކުރީ އަލަށެވެ.

ރޭގަނޑު ނުނިދާ ހުރެ ވެފައި ހުރި ވަރުބައްޔާއެކު ވެސް ހެނދުނު އޭނާ ދިޔައީ އޮފީހަށެވެ. އަނބިމީހާ އޭނާއާ ގުޅަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އަންހެނުންގެ ފޯނަކަށް އޭނާއަށް ޖަވާބެއް ނުދެވުނެވެ. އޮފީސް ނިންމާފައި ގެއަށް އައުމާއެކު އަންހެނުން ބުންޏެވެ. ފިރިމީހާއެވެ! ދަރިފުޅު ނިޔާވެއްޖެއެވެ.

''ބައްޕާއެވެ! ލަދެއް ނުގަނޭ ހެއްޔެވެ؟'' ބުނެ ދަރިފުޅު ބުނި ބަސްތަކުން އޭނާއަށް ކޮށްފައިވާ އަސަރާއެކު ، ދަރިފުޅުގެ މަރުގެ ޚަބަރުން އޭނާއަށް ހިތާމައިގެ ސާލެއް ކުރިމަތިވި ފަދައެވެ. ގިސްލަގިސްލާފައި ރޮވެން ފެށިއެވެ. އޭނާއާ މުޚާބަތުކޮށް ދަރިފުޅު ބުނި ފަހުގެ ބަސް އޭނާގެ ކަންފަތުގައި ވަނީ ގުގުމާފައެވެ.

ދަރިފުޅުގެ ޖަނާޒާގެ ކަންކަން ނިމި އެންމެ ފަހުން އޭނާގެ ދެއަތުން ދަރިފުޅު ވަޅުލިއެވެ. ހިތާމަތަކާއެކު ވެސް އެވަގުތު އޭނާގެ ތުންފަތަށް ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. ވަޅުލައި ނިމުމުން ޖަނާޒާގައި ބައިވެރިވި އޭނާގެ ރަޙުމަތްތެރިއަކު ބުންޏެވެ. މިއޮތްހާއިރު ގިސްލާ ރުއީއެވެ. ނަމަވެސް ދަރިފުޅު ވަޅުލިއިރު މޫނު މައްޗަށް ވެރިވި ހިނިތުންވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ އެހިނދު އޭނާ ޖަވާބު ދިނެވެ. އަހަރެންގެ ދެއަތުން ދަރިފުޅު ވަޅުލައި ، އެދަރިފުޅު ވަކިވެގެން އެ ދިޔައީ ނޫރެއް ދޫކޮށްފައެވެ. ﷲގެ މިންވަރުފުޅުން އަހަރެންގެ މަރު ދުވަހާ ހަމަޔަށް އެނޫރު އަހަރެންގެ ހިތުގައި ވާނެއެވެ.

އޭގެ ފަހުން އޭނާވީ މިސްކިތުގެ ތަބެއް ފަދަ މީހަކަށެވެ. 20 އަހަރު ނަމާދެއް ނުކޮށް ހުރި މީހާގެ މުޅި ދިރިއުޅުން އޭނާގެ ދަރިފުޅު ބުނި ޖުމްލައިން ބަދަލުވެގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!