ދުނިޔެ

ވެކްސިންގެ ޚަބަރު ލަސްކުރީ ބައްޕަ އިންތިޚާބު ކާމިޔާބުކޮށްފާނެތީ: ޓްރަންޕްގެ ދަރިފުޅު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ފައިޒާއާއި ބައޯއެންޑްޓެކް އިން އުފައްދާފައިވާ ވެކްސިންގެ ޚަބަރު ލަސްކުރީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަޤްސަދުގައި ކަމަށް އެމެރިކާގެ ރައީސް އަދި އިންތިޚާބުން ބަލިވެވަޑައިގަތް ޑޮނާލްޑް ޓްރަންޕްގެ ދަރިފުޅު ޑޮނާލްޑް ޖޭ. ޓްރަންޕް ޖޫނިޔަރ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ ފައިޒާއިން ނެރުނު ބަޔާނެއްގައި އެކުންފުނީގެ ވެކްސިން 90 އިންސައްތަ ރައްކާތެރިކަމަށް ރިޕޯޓްކޮށްފައިވާއިރު، ޑޮނާލްޑް ޖޭ. ޓްރަންޕް ވިދާޅުވެފައި ވަނީ، ވެކްސިން ޚަބަރު އިޢުލާން ކުރި ވަގުތާމެދު ޝައްކު ކުރައްވާ ކަމަށެވެ. އަދި މިއީ އިންތިޚާބުގައި އެމަނިކުފާނުގެ ބައްޕާފުޅަށް ކާމިޔާބު ކުރެއްވޭނެކަން ޔަޤީންވާތީ ކުރި ކަމެއް ކަމަށް ޑޮނާލްޑް ޖޭ. ޓްރަންޕް ސިފަ ކުރައްވާފައިވެއެވެ.

ޑޮނާލްޑް ޖޭ. ޓްރަންޕް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ކެންޕެއިން ދުވަސްވަރު ޓްރަންޕް ތަކުރާރުކޮށް އިންތިޚާބުގެ އެއް ދުވަސް ކުރިން ވެކްސިނެއް އުފައްދާނެ ކަމަށް ގެންދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް އެކަން ނުކުރެވުން ވެގެން ދިޔައީ ޓްރަންޕަށް ގިނަ ބައެއްގެ އިތުބާރު ގެއްލުނު ކަމެއް ކަމަށެވެ. މިކަން މިހެންވުމުގެ ސަބަބުން ޓްރަންޕަށް ކުރިން ވޯޓް ދޭން ތިބި މީހުން ދީފައި ނުވާ ކަމަށް މަޝްރަޙް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ވެކްސިންގެ ޚަބަރާއެކު ޓްރަންޕް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އަދި ފައިޒާއިން ހޯދި ކާމިޔާބީއަށް ޓްރަންޕްވަނީ މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ނައިބު ރައީސް މައިކް ޕެންސް ވަނީ ފައިޒާއިން ހޯދި ކާމިޔާބީގެ ސިއްރަކީ ޓްރަންޕްގެ ސަރުކާރުން އެފަރާތަށް ދިން އެއްބާރުލުން ކަމަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައެވެ. ނަމަވެސް ފައިޒާއިން މިކަންވަނީ ދޮގު ކޮށްފައެވެ. އަދި ފައިޒާއިން ބުނެފައި ވަނީ އެމެރިކާގެ ސަރުކާރުން އެފަރާތުގެ ރިސާޗަށް ޚަރަދުކޮށްފައި ނުވާ ކަމަށާއި ދީފައި ވަނީ ވެކްސިނެއް ހޯދިއްޖެ ނަމަ ވެކްސިން ގަންނަ ދާނެ ޚަރަދު ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމެރިކާގެ މީޑިޔާތަކުން އާއްމުކޮށްފައި ވީ ނަމަވެސް، ޓްރަންޕް ތަކުރާރުކޮށް، އިންތިޚާބު އޮޅުވާލި ކަމަށް ދަނީ ބުނަމުންނެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނު ކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!