އިދިކޮޅުގެ ކަންބޮޑުވުންތައް އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ހިއްސާ ކުރައްވައިފި
މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝާރީ ހަރާސް ވަރްދަން ޝާރިންގްލާއާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފިއެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ ދެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނަައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަަމަ އެހެންމެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ނުހައްގުން ދެމުންދާ އަނިޔާތައް ފޮރިން ސެކްރެޓަރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ. އެ ގޮތުން އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަގްވާމީ އުސޫލްތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެތައް ގޮތަކުން ފުށޫ އަރާ ޝަރީއަތެއްކަން ފާހަގަ ކޮށްފައިވާނެ ކަމަށްވެސް ބުނެއެވެ. ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާއިރު އެ މަނިކުފާނުގެ އިސްތިއުނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައްވެސް އިދިިކޮޅުން ފޮރިން ސެކްރެޓަރީ ހިއްސާ ކުރެއްވިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް އިން އިންޑިއާގެ ފޮރިން ސެކްރެޓަރީއާ މިއަދު ބައްދަލު ކުރެއްވިއިރު އިންޑިއާއާ ދިވެހި ސަރުކާރާ ދެމެދު ސިއްރު އެގްރިމެންޓްތަކެއް އޮތް ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ވެސް އިދިކޮޅުން ދަނީ ހިނގަމުންނެވެ.