ދީން

އިމާމް އަހްމަދާއި ރޮށި ފިހާ މީހާގެ ވާހަކަ: އިސްތިޣްފާރު ކުރުމުގެ މާތްކަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިސްތިޣްފާރު ކުރުމަކީ ނުވަތަ ޒިކުރު ކުރުމަކީ الله މަތީން ހަނދުމަ ކުރުމެވެ. ހިތާއި ދުލުންނެވެ. ޢަމަލުންނެވެ. މިއީ ވަރަށް ފަސޭހަ ހަމައެހެންމެ މަތިވެރިވެގެންވާ އަޅުކަމެކެވެ. ތަނަވަސް ދިންނެވުމާ ރަހުމަތް އޮހޭ އަޅުކަމެކެވެ.

Ads by STELCO

އުއްމަތުގެ އިމާމުންގެ ފަރާތުން އަޅުގަނޑުމެންނަށް އެތައް ކަމެއް ދަސްވެފައި އެބަހުއްޓެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރި ވެގެންދާނެ ައެތައް ކަމެއް ދަސްކޮށްދެއްވިއެވެ. އެ އިމާމުން އަޅުގަނޑުމެންނަށް ދޫކުރެއްވި ދަރުސުތަކުގައި ހިފުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެެވެ.

އިމާމް އަހުމަދު ބުން ހަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގި ވަޑައިނުގަންނަވާނެ ބޭފުޅަކު މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާއެވެ. އުއްމަތަށްޓަކައި އެކަލޭގެފާނު ކުރެއްވި ހިދުމަތްތަކަކީ ދުލުން ބަޔާން ނުކުރެވޭހާ ގިނަ ހިދުމަތްތަކެކެވެ. އިމާމް އަހުމަދު ބުން ހަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދައަށް  ހިއްޕެވި ބޭކަލެކެވެ. މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

އެކަލޭގެފާނަކީ އިލްމް ހޯއްދެވުމަށްޓަކައި ވަރަށް ދިގު ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނާއި އިމާމް ޔަހްޔާ ބިން މައީނާއި ދެބޭކަލުން އިމާމް އަބުދުލް ރައްޒާގުއާ ބައްދަލު ކުރެއްވުމަށް ދަތުރު ފެއްޓެވިއެވެ.
 
މަންޒިލަށް ވަޑައިގެންނެވިއިރު އިމާމް އަހުމަދުގެ އަތްމަތި ދަތިފުޅުވެ ފައިސާ ހުސްވިއެވެ. ނަމަވެސް އިމާމް އަހުމަދަކީ މީހުން ދޭ އެއްޗެހީގައި އެއްވެސް ވަރަކަށް ހިއްޕަވާ އުޅުއްވި ބޭކަލެއް ނޫނެވެ. މިގޮތުން އެފަހަރު އިމާމް އަބްދުލް ރައްޒާގު ވެސް އެހީއެއް ދެއްވަން އުޅުމުން އެކަމުން މަނާވެގަނެ ވިދާޅުވިއެވެ. މީހަކު ދޭ އެއްޗެއްގައި ތިމަން ހިފާނެނަމަ ކަލޭގެފާނުގެ އަތުން ހިފީމުހެވެ. އެއަށްފަހު ރޭގަނޑުގެ ވަގުތުތައް ހޭދަ ކުރެއްވުމަށް ޓަކައި މިސްކިތަށް ވަޑައިގެން އެތަނުގައި މަޑުކުރެއްވިއެވެ.
 
ކަންދިމާ ކުރި ގޮތުން މިމިސްކިތަކީ ރޭގަނޑަށް ބަންދުކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތުމީހާ އެތަން ބަންދުކުރަން ވެގެން އިމާމް އަހުމަދު އެތާ އިންނެވިތަން ދެކި، އައިސް ސުވާލުކުރިއެވެ. މިތާ ކީއްކުރަނީ ހެއްޔެވެ؟ މަސައްކަތު މީހާއަކަށް އެއީ އިމާމް އަހުމަދު ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެތަނުގައި ރޭކުރުމުގެ ނިޔަތް އޮތްވާހަކަ ވިދާޅުވުމުން މިސްކިތުން ނެރެލިއެވެ. އެކަލޭގެފާނު މިސްކިތުން ނެރެލުމުން ފެންޑާމަތީ އިށީނދެ ވަޑައިގެން އިންނެވިއެވެ.
 
މަސައްކަތުމީހާ މިސްކިތް ބަންދުކޮށް ނިމުމަށްފަހު ބޭރަށް ނުކުމެ އިމާމް ފެންޑާގައި އިންނެވިތަން ފެނި އެތަނުން ނުކުތުމަށް އެންގިއެވެ. އެކަލޭގެފާނު މިއީ ﷲގެ ގެކޮޅޭ ވިދާޅުވެ އިދިކޮޅު ހެއްދެވުމުން ފައިގައި ހިފާ ދަމަމުން މިސްކިތު ގޯތިތެރެއިން ބޭރަށް ނެރުނެވެ. މިތަން ބަލަން ރޮށިފިހާ މީހަކުހުއްޓެވެ. އެކަލޭގެފާނުގެ ހާލުފެނި ހަމްދަރުދީވެ އެކަލޭގެފާނު ގޮވައިގެން އެ ރޮށި ފިހާ މީހާގެ ގެޔަށް ދިޔައެވެ. ރޮށި ފިހާމީހާއަކަށް ވެސް އެއީ އިމާމް އަހުމަދު އިބުން ހަންބަލްކަމެއް ނޭނގެއެވެ.
 
މިތަނުގައި އެކަލޭގެފާނު އިންނެވިއިރު ރޮށިފިހާ މީހާގެ ކިބައިން ހާއްސަކަމެއް ފެނުނެވެ. އަބަދުވެސް ޒިކުރު ކުރުމެވެ. ހުއްޓައި ނުލައި ޒިކުރު ކުރަމުން ގެންދާތީ އިމާމް އޭނަ ކުރެން އެއްސެވެ. ކަލޭގެ ތިޔަ ޒިކުރުކުރުމުން އެއްވެސް ހާއްސަ ކަމެއް ލިބޭ ހެއްޔެވެ. އޭނާ ބުންޏެވެ. އާދޭހެވެ. މިހާތަނަށް ކުރި އެއްވެސް ދުއާއެއް އިޖާބަ ނުކުރައްވައެއް ނުދެއެވެ. އެންމެ ދުއާއެއް މެނުވީއެވެ، އެދުއާ ވެސް
އިޖާބަ ކުރައްވާނޭ ކަމަށް އުއްމީދު ކުރަމެވެ.
އެކަލޭގެފާނު އެއްސެވިއެވެ. އެއީ ކޮން ދުޢާއެއް ހެއްޔެވެ. އޭނާ ޖަވާބުގައި ބުންޏެވެ. ތިމަންނަ މުއުމިނުންގެ އިމާމް، އިމާމް އަހުމަދު އިބުން ހަންބަލްއާ ބައްދަލު ވޭތޯ އެދި ދުއާ
ކުރީމެވެ. އެހިނދު އިމާމް އަހުމަދު އިބުން ހަންބަލްގެ ލޮލުން ކަރުނަ އައެވެ. އަދި ވިދާޅުވިއެވެ. އިމާމް އަހުމަދު އިބުން ހަންބަލް އަކީ އަހަންނެވެ. ދަންނާށެވެ. މުއުމިނުންގެ އިމާމު އެ ޒިކުރުކުރާ މީހާގެ ދުއާ އިޖާބަ ކުރެއްވުމަށްޓައި އެމީހާގެ ކައިރިއަށް ގެނެވުނީ ދެފައިގައި ހިފާ ދަމާފައެވެ.
މި ހާދިސާއިންވެސް އިސްތިޣްފާރު ކުރުމުގެ މާތްކަމާއި މަތިވެރިކަން ހާމަވެގެން އެބަ ދެއެވެ. އަޅުގަނޑުމެން އާންމު ދިރިއުޅުމުގައިވެސް އިސްތިޣްފާރު ކުރަންވީ މި ސަބަބަށް ޓަކައެވެ. ހިނގާފައި ދާއިރު އަދި ސައިކަލުގައި ދުއްވާފައި ދާއިރު ނުވަތަ ހުސްވަގުތެއް ލިިބިއްޖެ ނަމަވެސް استغفر الله ނުވަތަ އެހެން ޒިކުރެއް ކިޔާލުމަކީ އުނދަގޫ ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!