ޔުނިސެފްގެ އެހީގައި ހަތަރު ހާހަށް ވުރެ ގިނަ މުދައްރިސުންނަށް ޓްރެއިނިންގ ދީފިން: އެޑިއުކޭޝަން މިނިސްޓަރ

ޔުނިސެފްގެ އެހީގައި މިހާތަނަށް ހަތަރު ހާހަށް ވުރެ ގިނަ މުދައްރިސުންނަށް އޮންލައިން ޕްލެޓްފޯމްތަކަށް އަހުލުވެރިވުމުގެ ގޮތުން ޓްރެއިނިންގ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މެދު ނުކެނޑި އޮންލައިން ޕްލެޓްފޯމްތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިކަމަށާއި ގޮންޖެހުންތަކާ އެކުގައި ވެސް އޮންލައިންކޮށް ތަމްރީނު ދީފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ސްކޫލްތަކަށް ލިބިގެން ދިޔަކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ފެށި ހިސާބާ ބަލާފަ ވަރަށް ބޮޑު ކުރިއެރުންތަކެއް ސްކޫލްތަކަށް އައިސްފި ޑިސްޓެންސް މޯޑްގަ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް" މިނިސްޓަރ ވިދާޅުވިއެވެ.
ފާއިތުވި ދެއަހަރުގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ހާއްސަކޮށް 2020 ވަނަ އަހަރު ދިމާވި ގޮންޖެހުންތަކާއެކު ވެސް ރަނގަޅު އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާކަމަށެވެ.