ޚަބަރު

ކޮވިޑް-19ގެ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން : ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިމެވައިވާ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ކަމުގައި ވިދާޅުވެ,ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވައިފިއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު މިގޮތަށް ވިދާޅުވެފައި ވަނީ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ޕެރިސް ޕީސް ފޯރަމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ރާއްޖެ އަށް އައުމާއިއެކު ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައެވެ. ރާއްޖެ އަކީ ފަތުރުވެރިން އެންމެ ބަރޯސާވެފައިވާ އެއް ޤައުމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި،ބަލި ފެތުރޭ މިންވަރު ބެލުމަށް ފަހު މިހާރު އަނެއްކާ ވެސް ރާއްޖޭގެ ބޯޑަރުތައް ހުޅުވާފައިވާ ކަމަށާއި އިޤްތިސާދީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި އިގްތިސާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ވަކި ގައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމަށާއި އަދި, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!