ބޭރު ދުނިޔެ

ﷲގެ ކުޅަދުންވަންތަކަން ވިސްނަވާ! ބަލާނެ މީހަކު ނެތިގެން ގެއަށް ގެނެވުނީ ހަމަ ކުރިންވެސް އެޑޮޕްޓްކޮށްގެން ގެންގުޅޭ ކުއްޖާގެ ކޮއްކޮ

ދެން އެމްވީ

ދަރިން އެޑޮޕްޓުކޮށްގެން އެކަނި މާއެކަނި އެކުދިން ތަރުބިއްޔަތު ކުރަން ޖެހިދާނެ ކަމަކށް އެމެރިކާގެ ހުސްހަށިބައި އަންހެނެއް ކަމަށްވާ ކެޓީ ޕޭޖް އެއްވެސް އިރަކު ހީކޮށްފައިވެސް ނުވެއެވެ. ނަމަވެސް ވަރަށް ޒުވާން ދުވަސްވަރު ފިރިމީހާއާ ވަކިވާން ޖެހުމުން އެކަން ދިމާވީ ހަމަ އެހެންނެވެ.

ފިރިމިހާ ނެތުމުގެ ހިތާމައިގައި އުޅޭކަށް ކެޓީ ބޭނުމެއް ނުވިއެވެ. މައިންބަފައިން ނެތް އެތައް މިލިއަން ކުދިން ދުނިޔޭގެ އެކި ހިސާބުގައި އުޅެއެވެ. އެހެންކަމުން އެއިން ކުއްޖަކަށް އެހީތެރިވެ، މަންމަ އެއްގެ ލޯބިދިނުން މާ ރަނގަޅު ވާނެކަމަށް ކެޓީއަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން ކޮލަރާޑޯއިން ގެއެއް ގަނެގެން އަލުން ދިރިއުޅުން ފެށުމަށް ކެޓީ ގަސްތު ކުރިއެވެ. އެޑޮޕްޓްކުރާ ދަރިން ހޯދުމުގައި އުނދަގޫ މައްސަލައެއް ކެޓީގެ ހުރިކަން އޭނާ ކުރިން ވެސް ދަނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކުއްޖަކު އެޑޮޕްޓްކުރަން ޖެހިދާނެކަމަށް އޭނާހުރީ ތައްޔާރަށެވެ.

2016 ވަނަ އަހަރުގެ ތެރޭގައި، ކެޓީގެ ގެއާއި ކައިރީގައިވާ ހޮސްޕިޓަލެއްގައި އަޅާލާނެ މީހަކު ނެތް، ވިހައިގެން އެންމެ 4 ދުވަސްވީ ކުއްޖަކު އޮތްކަން ކެޓީއަށް އެނގުމުން ހޮސްޕިޓަލަށް އޭނާ ދިޔައެވެ. އަދި ނަން ވެސް ނުދީ އޮތް އެކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސް އެ ކުޑަކުޑަ ފިރިހެން ކުއްޖާ ކެޓީގެ މުޅި ދިރިއުޅުން ބަދަލު ކޮށްލިއެވެ.

ކެޓީ މި ކުއްޖާ ގެންގޮސް ގެރޭސަންގެ ނަމުން ނަންދީގެން އަހަރެއްހާ ދުވަހު ގެންގުޅުނުފަހުން، ގްރޭސަންގެ ގާނޫނީ ބެލެނިވެރިކަން ކެޓީއަށް ލިބުނެވެ.

ގްރޭސަންއަށް އަހަރެއް ވުމާއެކު ކެޓީ އެހެން ކުއްޖަކު އެޑޮޕްޓް ކުރުމުގެ ވިސްނުން ގެންގުޅުނެވެ. އެހެން ހުއްޓާ އެއް ދުވަހު އިޖްތިމާޢީ މަސައްކަތުގައި ހިލޭސާބަހަށް މަސައްކަތްކުރާ މީހަކު ކެޓިއަށް ގުޅިއެވެ. އަދި ކުރިން ވެސް ކެޓީއަށް ދަރިފުޅު ލިބުނު ހޮސްޕިޓަލް ގައި އަޅާލާނެމީހަކު ނުވެފައި ކުއްޖަކު އޮތްކަމަށް ބުންޏެވެ.

އިތުރު ކުއްޖަކު އެޑޮޕްޓް ކުރުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް އޭރު ކެޓީ އެކަމަކަށް ތައްޔާރެއް ނޫނެވެ. އެހެން ނަމަވެސް އެކުއްޖާ ބަލާލަން ކެޓީ ބޭނުންވިއެވެ. އެހެންކަމުން 10 ވަރަކަށް މިނިޓް ތެރޭގައި ކޭޓީ ހޮސްޕިޓަލަށް ދިޔައެވެ.

މި ފަހަރު އޮތީ އަންހެން ކުއްޖެއް ކަމަށް ވުމާއެކު ކެޓީ އަށް އުފާވެރިކަމުގެ އިހްސާސްތައް ކުރެވުނެވެ. ވަގުތުން ކުއްޖާ ގެންދިޔުމަށް ނިންމާ ކެޓީގެ އާއިލާ އާއި ރައްޓެހިންނަށް ގުޅާ އާއިލާއަށް ކުއްޖަކު އިތުރުވެއްޖެކަމުގެ އުފާވެރި ޚަބަރު ދިނެވެ.

މި ކުއްޖާ ގެންދިއުމުގެ ހުރިހާ ކަމެއް ނިމުނުފަހުން، އެކުއްޖާގެ އަތުގައި އަޅުވާފައިވާ ބޭންޑުގައި އޮތް ނަންފެނިފައި ކެޓީ އަށް ބަސް ހުއްޓި ހައިރާންވެފައި ހުރެވުނެވެ. އެ ބޭންޑުގައި މަންމަގެ ނަމަކަށް އޮތީ ކުރިން ކެޓީ ގެންދިޔަ، ގްރޭސަންގެ ބޭންޑުގައި ވެސް އޮތް ނަމެވެ. އަދި މަންމަގެ އުފަން ދުވަހަކަށް ވެސް އޮތީ ހަމަ އެއް ތާރީޚެކެވެ. އެހެންކަމުން މިއީ ދެބެންކަމަށް ކެޓީއަށް ގަބޫލު ކުރެވުނެވެ. އަދި ގްރޭސަން އަށް ޙަޤީޤަތުގައި ވެސް އޭނާގެ ކޮއްކޮއެއް ލިބޭތީ ވަރަށް އުފާކުރިއެވެ.

ކެޓީ މިކަން ޔަގީން ކުރަން ބޭނުންވެ ހޮސްޕިޓަލުން މަޢުލޫމާތު ހޯދައިގެން މި ތުއްތު އަންހެން ކުއްޖާގެ މަންމައަށް ގުޅިއެވެ. އަދި އޭގެ ކުރިން އަހަރު ހަމަ އެ ހޮސްޕިޓަލްގައި ފިރިހެން ކުއްޖަކު ވިހެއިންތޯ ސުވާލު ކުރިއެވެ. އަދި މަންމަ އެކަމަށް އެއްބަސްވެސް ވިއެވެ. މިވަރުންވެސް މިކަން އިތުރަށް ކަށަވަރު ކުރުމަށް ދެކުދިންގެ ޑީ.އެން.އޭ ޓެސްޓް ކުރިއެވެ. ނަތީޖާއިން ދެއްކީ މިއީ އެއްބަނޑު ދެކުދިން ކަމަށެވެ. ބައްޕަ ތަފާތެވެ.

އިތުރު ކުއްޖަކު ގެނައުމަށް ތައްޔާރުވެފައި ނެތްވަގުތެއްގައި މިތުއްތު ކުއްޖާ ގެއަށް ގެންދިއުމަށް، ހިތް ބުނި ބުނުން ގަބޫލު ކުރެވުނު ކަމަށްޓަކައި ކެޓީ ހުރީ ވަރަށް އުފަލުންނެވެ. އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލްގައި އޮތް އެއްބަނޑު ދެކުދިން ނޭނގުމެއްގައި ކެޓީގެ ބެލުމުގެ ދަށަށް ގެނެވި، އެއް ފުރާޅެއްގެ ދަށުގައި އުޅުމުގެ ތައުފީގު ދެއްވި ﷲގެ ކުޅަދުންވަންތަކަމާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!