ޚަބަރު

އިޝާން ލަވަ ކިޔުން ހުއްޓާލުމުން އަލީ ރަމީޒު: "އިޝާން އަކީ ނަމޫނާ ބޭފުޅެއް!"

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލުމަކީ މިޔުޒިކުގެ ވަބާގައި ޖެހިފައިތިބި ޒުވާނުންނަށް ދެއްކި ނަމޫނާއެއް ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިޝާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއުޒިކް ކުޅޭ އަޑު އެހުން އެއީ ﷲ އާ ތިބާ އާ އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް އިޝާން ވަނީ ބުނެފައެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު" އިޝާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިޝާން ބުނީ މިއަދު އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.

އޭނާގެ ލަވަތައް އަޑު ނޭހުމަށް ވެސް އިޝާން ވަނީ އެދިފައެވެ. "އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅުނަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން." އިޝާންގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވެއެވެ.
އިޝާންގެ ޕޯސްޓު ޝެއާ ކުރައްވަމުން އަލީ ރަމީޒު ވިދާޅުވީ އިޝާން ލަވަ ކިޔުން ހުއްޓާލި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށެވެ.
"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" އަލީ ރަމީޒު ވިދާޅުވިއެވެ.

2016 ވަނަ އަހަރު މޯލްޑިވިއަން އައިޑޮލް އިން އާއްމުންގެ ތެރެއަށް ތައާރަފްވި އިޝާން އައީ ބައެއް ލަވަތައް އަމިއްލައަށް އުފައްދައިގެން ވެސް އެހުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއް ވެސް ޝޯތައް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!