ލައިފްސްޓައިލް

5 ދަބަހު ފުރާ ފައިސާ ހިފައިގެން ދިޔަ ދެމަފިރިން އަތުލައިގަތީ އެއަރޕޯޓް އިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދަބަސްތަކެއްގައި ރުފިޔާ ޤައުމުން ބޭރު ކުރަން އުޅެނިކޮށް ލަންޑަން އިން ދެމަފިރިއަކު އަތުލައިގެންފިއެވެ.

Ads by STELCO

"އެންޑީޓީވީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަތުލައިގެންފައި ވަނީ އިންޑިއާއަށް އުފަން ދެމީހުންނެވެ. މިމީހުން ދަތުރު ކުރަން ހަމަޖެހިފައި އޮތީ ދުބާއީއަށް ކަމަށް ވެސް އެނޫހުން ރިޕޯޓް ކުރެއެވެ.

ލަންޑަންގެ ކަސްޓަމަސްއިން މިމީހުން ހިފަހައްޓާފައި ވަނީ، އަތުގައި އޮތް އަތްދަބަސް ޗެކް ކުރިއިރު، ދެމީހުންގެ އަތްދަބަހުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުރުމުންނެވެ. އަދި ޝައްކު ކުރެވޭ ކަހަލަ ގޮތެއް ހުރުމުން، ލަގެޖް ހުއްޓުވާ ޗެކް ކުރީ ކަމަށް ވެސް އެއަރޕޯޓްގެ މުވައްޒިފަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

ލަންޑަންގެ ފުލުހުން ވިދާޅުވީ، 2 މިލިޔަން ޑޮލަރު ހިފައިގެން ދަތުރު ކުރަން އުޅެނިކޮށް 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިދެމީހުންނަކީ ކައިވެނިކޮށްގެން އުޅޭ ދެމީހުން ކަމަށެވެ.  އަދި ފައިސާ ހޯދި ގޮތެއް ދެމީހުންނަށް ސުވާލު ކުރުމުންވެސް ސާފުވާ ގޮތެއް ނުވި ކަމަށާއި، މަނީ ލޯންޑްރިންގްގެ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު މީގެ 2 ދުވަސް ކުރިން ވެސް ލަންޑަން އެއަރޕޯޓްއިން އަންހެނަކު ވަނީ އަތުލައިގެންފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ، އެޤައުމުން ބޭރަށް ގާނޫނާ ޚިލާފަށް ހޯދާ ފައިސާ ބޭރު ކުރަމުން އަންނަ ކަމަށާއި އެއަރޕޯޓްތަކުގައި މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!