ފެންނަމުން މިދަނީ ސުޕަ މެޖޯރިޓީ ލިބުމުން ހިތުހުރި ގޮތަކަށް ކަން ކުރަމުންދާ މަންޒަރު: ނިމާލް
ފެންނަމުން މިދަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ހިތު ހުރިގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދަންމާ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައެވެ.
މިކަމާ ގުޅިގެން ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ ބަޔާން ކޮށްފައި ނެތް ހާލަތެއް އަތުވެއްޖެ ނަމަ އެކަމަށް ފަރުވާ ހޯދަން ދާން ޖެހޭނެ ތަނަކީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް ކަމަށެވެ. އެއީ މަޖިލީހުގެ ދައުރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ފެންނަމުން މިދަނީ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ހިތު ހުރި ގޮތަކަށް ކަން ކުރަމުން ގެންދާ މަންޒަރު، މިއަދު އިނީކީ މަސީހް އެއް ނޫން." ނިމާލް ވިދާޅުވެއްޖެއެވެ.
Qaanoon asaasee bayaan kohfa neh haalatheh athuvejje nama ekamakah faruvaa hoadhan dhaanjehey thanakee HC eyah fahu SC,aee Majilis ge dhaureh noon. Fennamun midhanee 19 vana majilisge SM libumum hithu huri gothakah kan kuramun gendhaa manzaru, miadhu ineekee Maseeh eh noon. pic.twitter.com/2RufYgWzcK
— Mohamed Nimal (@NimalKokaa) May 4, 2020
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި މިރޭ ބުނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް މަޖިލީހުން ފާސްކުރާ ގާނޫނަކުން ގާނޫނުއަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމުގެ ސަބަބުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ހާއްސަ ބިލަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާއިރު އެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަށް ހުރަސް އެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭ ނަމަ އެކަމުގެ ފަރުވާ ހޯދަން ޖެހޭ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވެސް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނުވަތަ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަކީވެސް އެކަމުގެ ފަރުވާ ލިބިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.