"ނަބިއްޔާގެ ޙައްޤުގައި" މައުޟޫޢަށް ދަރުހެއް ބާއްވަން އުޅުމުން، މައުޟޫޢު ބަދަލު ކުރަން އެންގި: ހިޖްރަ ޖަމިއްޔާ

މިދިޔަ އަހަރު ފަހުކޮޅު، "ނަބިއްޔާގެ ޙައްޤުގައި" މިމައުޟޫޢަށް ދީނީ ދަރުހެއް ބާއްވަން އުޅުމުން، އެދަރުހުގެ މައުޟޫޢު ބަދަލު ކުރަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް "ހިޖްރަ ޖަމިއްޔާ" އިން ބުނެފިއެވެ.
ހިޖްރަ ޖަމިއްޔާއަކީ ދީނީ ދަރުސް ބޭއްވުމާއި އެނޫން ވެސް ދީނީ މަސައްކަތްތައް ކުރާ ޖަމިއްޔާއެކެވެ.
އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލޭގައި، "ނަބިއްޔާގެ ޙައްޤުގައި" މިމައުޟޫޢަށް ދަރުހެއް ބޭއްވުމަށް ރޭވިފައިވާތީ، 28 އޮކްޓޯބަރ 2019 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދައަށް އެދި ހުށަހެޅި ކަމަށެވެ. ނަމަވެސް އެމައުޟޫގައި ދަރުސް ބޭއްވުމަށް ހުއްދަ ދެވެން ނެތް ކަމަށާއި ދަރުހުގެ މައުޟޫޢު އެހެން މައުޟޫއަކަށް ބަދަލުކޮށް އަލުން ހުއްދައަށް އެދި ހުށަހެޅުމަށް އެމިނިސްޓްރީގައި އެކަމާއި ގުޅޭގޮތުން އިސްކޮށް އުޅުއްވާ ބޭފުޅަކު ފޯނުން ގުޅުއްވާ އެޖަމިއްޔާއަށް އެންގެވި ކަމަށް ވެސް ބުނެފައިވެއެވެ.
"މިކަން މިހެން ދިމާވުމަކީ މިޖަމިއްޔާއަށް އެއްވެސް އާކަމެއް ނޫނެވެ. މީގެ ކުރިންވެސް ބޭއްވުމަށް ރޭވި ކިތަންމެ ދަރުހެއްގެ ހުއްދައަށް އެދުމުން އެހުއްދަ ލިބުމުގައި މިފަދަ ދަތިތަކެއް ހުރުމުގެ ސަބަބުން ބައެއް ދަރުސްތައް ވަނީ ކެންސަލް ވެސް ކުރަން ޖެހިފަ. އަނެއްބައި ދަރުސްތައް ބޭއްވުމަށް ކަނޑައެޅުނު ތާރީޚުގައި ނުބޭއްވި ވަނީ ފަސް ވެސް ކުރަން ޖެހިފަ" ހިޖްރަ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.