އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ސްކީމެއް ތައާރަފު ކުރަނީ
ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރި ވުމަށް އާ ގްރާންޓް ސްކީމެއް މިހަފްތާ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ އަމިއްލައަށް އާމްދަނީ ހޯދަން އެކިބާވަތުގެ މަސައްކަތްކުރާ ފަރާތްތަކަށް މިހާރުވެސް އެސްޑީއެފްސީން އިއުލާންކޮށްފައިވާ ރިލީފް ލޯން ސްކީމަށްވެސް ކުރިމަތި ލެވޭނެކަމަށެވެ.
އަދި މިގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އައު ގްރާންޓް ސްކީމެއް މިހަފްތާގައި އިއުލާން ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން ގްރާންޓް ސްކީމަށް އެދުމަށްޓަކައި www.jobcenter.mv ގައި ރަޖިސްޓަރ ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ބާވަތެއްގެ މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެދެވޭނެ ސްކީމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ކޮވިޑް-19އާ ގުޅިގެން ވަޒީފާއަށް ބުރޫއަރައި ޢާމްދަނީ ލިބުން ހުއްޓިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދޭ ސްކީމެކެވެ. އަދި މިވަގުތަކީ މީސް މީޑިއާގައި އަމިއްލަ މަސައްކަތް ކުރާ އެކި ފަރާތްތަކުން ކޮޑް-19އާ ގުޅިގެން އާމްދަނީ ހޯދުމަށް ބުރޫއަރާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންދާ ވަގުތެކެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ މިފަދަ ފަރާތްތަކުން ކޮށްފައިވާ ޓުއިޓުތަކަށްވެސް ޖަވާބު ދެއްވައި ބައެއް ފްރީލާންސް މަސައްކަތްތެރިންނާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވެސް ކުރައްވާފައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުުން އައްސަވައި މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.