މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ދާނަން: މަލީޙް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހެޅުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕަށް 10 މެންބަރުންގެ ސޮއިއާއެކު ހުށަހެޅުއްވީ މީކާއިލް އެވެ.
މީކާއިލް ރޭގެ ވަގުތެއްގައި އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވި އެބަޔާނުގައި ވިދާޅުވެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާއިރު، އެ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.
މީގެއިތުރުން މަގާމުތަށް ހެއްދެވުމަށް މިނިސްޓްރީން ކުރި މަސައްކަތަށް މިނިސްޓަރު މަލީހުގެ އެއްބާރުލުން ދެއްވާފައި ނުވާ ކަމަށާއި، އެކަމަށް މިނިސްޓަރު މަލީހު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް ވެސް މީކާއިލްގެ ބަޔާނުގައި ވެއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރ މަލީޙު މިއަދު މީސް މީޑިއާގައި ވިދާޅުވީ މީކާއިލް ޤާނޫނު ޝަރަޙަ ކުރައްވަނީ ނުބައިކޮށް ކަމަށާއި އެކަން އިސްލާޙު ކުރެއްވުމަށެވެ.
"ތިޔަ މައްސަލަ ވައްދާ ކަމަށް ވާ ނަމަ ވައްދާނީ މިނިސްޓަރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ވީޓީވީ ޕްރޮގްރާމެއްގައި ބޭނުންކޮށްގެން ކަމަށް ލިޔުއްވީމަ ރަނގަޅުވާނެ. ކޭމް (ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް) ހިންގާ ގޮތް އޮޅުން ފިލުއްވާ!" މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.
މީގެއިތުރުން މަލީޙު ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުމަކީ ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ.
"މީކައިލް ގޮވައިގެން ސުޕްރީމް ކޯޓަށް ދާނަން" މިނިސްޓަރ ވިދާޅުވެފައިވެއެވެ.