ގައުމުން ބޭރުގައި ތިބި ނައިޖީރިޔާގެ ރައްޔިތުން ގައުމަށް ގެނައުމަށް ޚާއްސަ ފްލައިޓްތަކެއް ބާއްވަނީ
ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައިވާ ނައިޖީރިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ނައިޖީރިޔާއިން ތައްޔާރު ވެއްޖެއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ފަރާތުން ހާމަ ކުރިގޮތުގައި،އެންމެ ފުރަތަމަ ގެންދާނީ ދުބާއީގައި ތިބި 265 މީހުންނެވެ. މިމީހުން ގެނައުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްގެ ފްލައިޓެއްގައެވެ. އަދި އިތުރު 300 މީހުން ލަންޑަނުން ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަދި ވަކި އަދަދެއް ޔަގީން ނުވި ނަމަވެސް ނިއު ޔޯކްގައި ތިބި ނައިޖީރިޔާގެ ގިނަ އަދަދެއްގެ މީހުން ވެސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިގޮތަށް ގައުމަށް ގެނެވޭ ކޮންމެ މީހަކު ވެސް ސަރުކާރުން ކަނޑައަޅާތަނެއްގައި އެމީހުންގެ ބެލުމުގެ ދަށުން 14 ދުވަހުގެ ކަރަންޓީނު މަރުހަލާއެއް ފުރިހަމަ ކުރަން ޖެހެއެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ނައިޖީރިޔާގެ، ބޯޑަރު ބަންދުކޮށްފައިވަނީ މަރޗް މަހުއެވެ. އަދި އެއަރޕޯޓް ހުޅުވާނީ ހަމަ އެކަނި މިގޮތަށް ގައުމުން ބޭރުގައި ތިބި މީހުން ގެނައުމަށް އަޅާ ޚާއްސަ ފްލައިޓްތަކަށެވެ.
ނައިޖީރިޔާއަށް ކޮވިޑް-19 އެތެރެވާން ދިމާވި ސަބަބަކީ ނުވަތަ އިންޑެކްސް ކޭސް އަކީ، މިދިޔަ ފެބްރުއަރީ މަހު ލާގޯސް އަށް އައި އިޓަލީގެ ވިޔަފާރިވެރިއެކެވެ. އޭގެ ފަހުން 2،950 މީހަކަށް މިބަލި ޖެހި މިހާތަނަށް 98 މީހަކު ވަނީ މަރުވެފައެވެ. ލަގޯސް އަދި އަބޫޖާގައި ބަލި ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުން ގިނަވުމުގެ ސަބަބުން، ރައީސް މުޙައްމަދު ބުހާރީ ވަނީ މި ދެ ސިޓީގައި 5 ހަފްތާގެ ލޮކްޑައުން އިޢުލާން ކޮށްފައެވެ. މިދިޔަ ހޯމަދުވަހުން ފެށިގެން މި ލޮކްޑައުންއަށް ލުޔެއްދީ، ސަލާމަތީ ފިޔަވަޅުތަކާއެކު މީހުން ވަނީ ވަޒީފާތަކަށް ނިކުންނަން ފަށާފައެވެ.
