މޫސުން ގޯސްވެ މެދުރާއްޖެއަށް ރީނދޫ ސަމާލު ނެރެފި!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ގުގުރާ އަދި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓްރޮލޮޖީ އިން މި ސަމާލު ނެރެފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:45 އިން އަންގާރަ ދުވަހުގެ މެންދުރު 3:45އާ ހަމައަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްވަރު އަންނަނީ ވިއްސާރަ ކުރަމުންނެވެ.ބޯކޮށް ވާރޭ ވެހި މިރޭ މާލޭގެ ގިނަ މަގުތަކެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލި ބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.