ދުނިޔެ

އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރި މީހަކަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކެނެޑާގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ މީހަކު، މީސްތަކުންގެ ހިތްތަކުގައި އިސްލާދީނާއި މެދު ނަފްރަތު އުފައްދަން ކުރި އެންމެ ޓްވީޓަކުން، ހަނދާން ނުނެތޭވަރުގެ ބޮޑު ގެއްލުންވެ ރަނގަޅު ފިލާވަޅެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

ރަވީ ހޫޑާ ނަމަކަށް ކިޔާ މި މީހާ ވަނީ، ކެނެޑާގައި ބަނގިގޮވުން ހުއްދަކުރުމުން އެކަމާ ގުޅުވައި އިސްލާމްދީނަށް ފުރައްސާރަކޮށްފައެވެ.

ދެން ނުކުރެވި އޮތީ ކޮންކަމެއްތޯ ސުވާލު ކުރަމުން ރަވީ ކުރީ ޓްވީޓްގައި ވަނީ، "ޖަމަލާއި ބަކަރީގައި ދަތުރު ކުރާ މީހުންނަށް މަގުގެ ވަކި ބައެއް ޚާއްސަކޮށް، ޤުރުބާން ކުރުމުގެ ނަމުގައި ގޭގޭގައި ގެރިބަކަރި ކަތިލުމުގެ ހުއްދަ ދީ، ގާނޫނަކުން ހުރިހާ އަންހެނުން ބޮލުންފެށިގެން ފަޔަށް ނިވާ ކުރަން އެންގުންތޯ" ސުވާލުކޮށްފައެވެ.

ރަވީ މި ޓްވީޓް ކުރިތާ މާގިނަ އިރެއްނުވެ އެތައް ބަޔަކު އޭނާއަށް ރައްދު ދޭން ފެށުމުން، ފަހުން އޭނާ ވަނީ ޓްވީޓް ޑިލީޓްކޮށް އެކައުންޓް ޕްރައިވެޓް ކޮށްފައެވެ. ނަމަވެސް އޭނާ ދަންނަ މީހުންނަށް އެއީ، އެތަނުގެ ސްކޫލެއްގެ ކައުންސިލް މެމްބަރެއްކަން އެނގުމުން އެ ސްކޫލަށް ޝަކުވާ ހުށައެޅުމުން ސްކޫލުން ވަނީ އޭނާ ކައުންސިލްކަމުން ވަކިކޮށް އެކަން ސޯޝަލް މީޑިޔާގައި ވެސް އާންމު ކޮށްފައެވެ. އަދި ރަވީ މަސައްކަތް ކުރަމުން ދިޔަ ރިއަލްއެސެޓޭޓް އޮފީހަށް ވެސް އޭނާގެ ޝަކުވާ އުފުލުމުން އެ އޮފީހުންވެސް ވަނީ އޭނާ ވަޒީފާއިން ވަކި ވަކިކޮށް އެކަން ސޯޝަލް މީޑީޔާގައި އާންމު ކޮށްފައެވެ.

ކެނެޑާއަކީ ވަރަށް ގިނަ ދީންތަކެއްގެ މީހުން އުޅެމުންދާ ގައުމެއް ނަމަވެސް، އެއްވެސް ދީނަކަށް ފުރައްސާރަ ކުރުން ނުވަތަ، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަ ދެއްކުން އެއީ އެގައުމުގައި ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފާހަގަ ކުރާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!