މަގުމަތީގައި އޮތް 25 ހާސް ރުޕީސް ނަގާނެ މީހަކު ނުވި
އިންޑިޔާގެ މަގެއް މައްޗަށް އެއްހާސް ރުޕީސް ވެއްޓުނަސް މިނިޓެއްގެ ތެރޭގައި ނުވަތަ ވެއްޓުނުކަން ނޭނގެނީސް އެހެން މީހަކު އެ ނަގާނެއެވެ. މަގުމައްޗަށް ވެއްޓޭ އެއްޗެއް އަމުދުން ފައިސާ އަނބުރާ ލިބުމަކީ ހަމަ ނާދިރު ކަމެކެވެ.
ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިކަން މިވަނީ ބަދަލު ވެފައެވެ. ފައިސާގައި އަތްލުމާއި ނަގުދު ފައިސާގެ މުޢާމަލާތްތަކަކީ ހަމަ މީސްމީހުންނާއި ބައްދަލުވެ އުޅުން ފަދަ ކަމެއް ކަމަށް ބެލެވި އެކަމުގެ ސަބަބުން ބަލިފެތުރުމަށް މަގުފަހި ވެދާނެތީ މީހުންގެ ވިސްނުން އަންނަނީ ބަދަލު ވަމުންނެވެ.
ބިހާރުގެ އޮޓޯ ޑްރައިވަރެއް ކަމުގައިވާ ގަޖެންދްރާ ޝާހުގެ 25 ހާސް ރުޕީސް އަނބުރާ ލިބުނީ މި ބައްޔަށް މީހުންގެ ހިތުގައި އޮތް ބޮޑު ބިރުގެ ސަބަބުންނެވެ. އެއްޗެއް ގަންނަން ދިޔަ މަގުމަތީގައި، ޖީބުގައި އޮތް ދުންފަތް ޕެކެޓް ނަގަން އުޅުމުގެ ތެރޭގައި ޖީބުގައި ހުރި ފައިސާގެ ތެރެއިން ބައެއް ވެއްޓުނުކަން ގަޖެންދްރާ އަށް އެނގުމުން އަނބުރާ ވަކި ހިސާބަކަށް ގޮސް އެ ފައިސާތައް ފެނޭތޯ ބެލިއެވެ. ނަމަވެސް ނުފެނުމުން އެކަމަށް އޮތް އުއްމީދު ދޫކޮށްލުމަށްފަހު އެނބުރި ގެއަށް ދިޔައެވެ.
ފަހުން އަވައްޓެރިއެއްގެ ފަރާތުން މައުލޫމާތު ލިބުނީ، ކޮރޯނާވައިރަހުގެ އަސަރުހުރި ފައިސާ ތަކެއް ޕޮލިހުންނަން މަގުމަތިން ފެނިގެން އުޅޭކަމުގެ ޚަބަރެވެ.
ގަޖެންދްރާ ޕޮލިހަށް ގޮސް އެއީ އޭނާގެ ފައިސާކަން ސާބިތުކޮށްދިނުމުން، ރަސްމީގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި އެފައިސާ ގަޖެންދްރާއަށް ރައްދު ކޮށްދިނެވެ. ވައިރަހުގެ އަސަރު ހުރި ފައިސާތަކެއްކަމަށް ބުނި ދޮގު ޚަބަރެއްގެ ސަބަބުން ނަމަވެސް ގަޖެންދްރާގެ ފައިސާ އަނބުރާ ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. މިއީ ގަޖެންދްރާގެ ދެމަހުގެ އާމްދަނީ އެވެ.