ލޯކަލް ކައުންސިލު އިންތިހާބު އަންނަ އަހަރުގެ މާރޗް 6 ގައި

މިއަހަރު ބާއްވަން ކުރިން ތާވަލުކުރި ލޯކަލް ކައުންސިލު އިންތިހާބު އަންނަ އަހަރުގެ މާރޗް މަހުގެ 6 ގައި ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ އިންތިޚާބު އިއުލާން ކުރަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށާއި ނަމަވެސް އިންތިޚާބުގެ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިހާރު ޝެޑިއުލް ކޮށްފައި ވަނީ މާރޗް މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އީސީ ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު ބުނާ ގޮތުން އިންތިޚާބު ބާއްވާ ނިންމަން ޖެހެނީ އެޤާނޫނު ތަސްދީގު ކުރިތާ އެއްއަހަރު ދުވަސް ތެރޭގައި ކަމަށެވެ. އެހެންކަމުން މެއި މަހު ތެރޭގައި އިންތިހާބު ބާއްވާ ނިންމަންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.