ދުނިޔެ

އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ނޫން އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ލިބެން ޖެހޭ މީހުންގެ ފުރާނަ ނުރައްކަލުގައި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވި ކަމާއެކު އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ހޮސްޕިޓަލްތައް ފުރި، އިސް ސަފުގައި މަސައްކަތްކުރާ ސިއްޙީ މަސައްކަތްތަރެއިން ރެއާއި ދުވާލު ޑިއުޓީ ކުރަން ޖެހުމުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ، ބޮޑެތި އެހެން ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށެވެ. އެތައް ބަޔަކު މި ފަދަ ވާހަކަތައް އަންނަނީ މީޑިއާތަކުގައި ޙިއްސާ ކުރަމުންނެވެ. ސިއްޙީ ހުރިހާ ވަސީލަތެއް ހަމަ އެކަނި ކޮވިޑް-19 އަށް ޚާއްސަކުރުމުން ޚާއްސަ ފަރުވާ ބޭނުންވާ އެހެން ބަލިތައް ތަހައްމަލު ކުރާ މީހުންގެ ފުރާނަތައް ވަނީ ނުރައްކަލަށް ހުށައެޅިފައެވެ.

Ads by Sosun Fihaara

އިނގެރޭސި ވިލާތުގައި ދެ މިލިއަނަށް ވުރެ ގިނަ އޮޕަރޭޝަން ކެންސަލްވެ، ހަފްތާއަކު 2700 ކެންސަރުބަލީގެ މީހުން، އެކި ޓެސްޓްތައް ނުހެދި އެބަތިއްބެވެ. މީގެ ތެރެއިން ފަރުވާ ނުލިބި، މިދިޔަ މަހުގެ އެއް ހަފްތާ ތެރޭގައި 1800 މީހުން ވަނީ މަރުވެފައިވެއެވެ. މިއީ މިދިޔަ 20 އަހަރުގެ ތެރޭގައި މިގޮތަށް އެކި ބަލިތަކުގައި، އެކަށީގެންވާ ފަރުވާ ނުލިބި އެންމެ ގިނަ މީހުންމަރުވި ކަމަށް ރެކޯޑް ކުރެވުނު އަދަދެވެ. މިހާރުވެސް ގިނަ ބަޔަކު ފަރުވާއަށް މަޑުކޮށްގެން ތަފާތު އެކި ސިއްޙީ ޙާލަތްތަކާ ދަނީކުރިމަތި ލަމުންނެވެ.

7 އަހަރުގެ ލީލާއަކީ ސިކުނޑީގައި އިން ޓިއުމަރެއް ނަގަން ކުރަންޖެހޭ އޮޕަރޭޝަނެއް ނުކުރެވި ވާ ކުއްޖެކެވެ. މި ޓިއުމަރުގެ ސަބަބުން ފިޓް ޖެހޭތީ އެކަން ހުއްޓުވުމަށް ކުރަން ޖެހޭ މި އޮޕަރޭޝަން ނުކުރެވިދަނީ، ހޮސްޕިޓަލަށް ގެންގޮސްގެން އޮޕަރޭޝަން ކުރުމުގެ ތެރޭގައި، ކޮވިޑް-19 ޖެހިދާނެ ކަމަށް ބަލާ އެކަމުން ރައްކާތެރި ކުރުމަށެވެ. ނަމަވެސް މިހާރު ވެސް ވަރަށް އަވަސް އަވަހަށް ފިޓް ޖެހޭތީ، އެއިން ކޮންމެ ފަހަރަކު ލީލާގެ ސިކުނޑިއަށް ލިބިފައި ވަނީ ކިހާ ގެއްލުމެއްކަން ނޭނގި އެކުއްޖާގެ އާއިލާ ވަނީ ހާސްކަމުގެ ތެރޭގައެވެ.

82 އަހަރުގެ ރެޖިނޯލްޑް ވެއިޓް އަކީ އިލެކްޓްރޯނިކްސް އިންޖިނިއަރ އެއްގެ ވަޒީފާގައި އުޅެ ޕެންޝަން ލިބުމުން ވަޒީފާއިން ވަކިވެފައިވާ މީހެކެވެ. މިދިޔަ މަރޗްމަހުގެ ތެރޭގައި ކެންސަރ ޖެހުނު ރެޖިނޯލްޑްގެ އޮޕަރޭޝަން ލަސްވެ އޭނާގެ މުޅި ހަށިގަނޑަށް ކެންސަރު ފެތުރިދާނެ ކަމުގެ ބިރުހީވެފައިވާ ރެޖިނޯލްޑް ސުވާލު ކުރިއެވެ. " ކޮވިޑް-19 ގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ބޭނުންވާ މީހުނަށް ސަމާލުކަން ދޭންފަށާނީ ކޮން އިރަކުން ހެއްޔެވެ؟"

ކީރަން ކްރިގްޓަން އަކީ ފައިގެ ދެ އޮޕަރޭޝަނެއް ކުރަންޖެހި، އެކަން ލަސްވެ ފުރޮޅުލީ ގޮނޑީގެ އެހީގައި ދިރިއުޅެން ޖެހިފައިވާ 14 އަހަރުގެ ކުއްޖެކެވެ. އޯޓިޒަމް ހުންނަ މި ކުއްޖާގެ ސިކުނޑީގައި ފަސް ޓިއުމަރު އިންކަން މީގެ ދެއަހަރު ކުރިން ވަނީ ފާހަގަ ކުރެވިފައެވެ. ކީރަންގެ ސިކުނޑީގައި ފެން ހެދުން ހުއްޓުވުމަށް އަދި ކީރަންގެ ހިނގުމަށް އެހީތެރިވުމަށް ކުރަން ޖެހޭ ބޮޑު ދެ އޮޕަރޭޝަން ލަސްވެފައި ވުމުން ކީރަންގެ މަންމަ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ސެރީ މެޑޮކް އަކީ ޗިސްމޭގައި ކެންސަރު ހުރުމުގެ ސަބަބުން އެކަމަށް އިތުރު ޓެސްޓްތަކެއް ހަދަން ޖެހިފައިވާ، 2 ކުދިންގެ މަންމައެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ޓެސްޓްތައް ނުހެދި ގިނަ ދުވަސްވެގެންދާތީ ސެރީއާއި ފިރިމީހާވެސް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެތައް އޮޕަރޭޝަނެއް ކޮށް ކާމިޔާބެއް ނުލިބުމުގެ ސަބަބުން، މި ޓެސްޓަކީ ސެރީއަށް ވަރަށް މުހިންމު ޓެސްޓެކެވެ. އަދި މި ކަން ނުކުރެވި ލަސްވެ އެކަމުގެ ތެރޭގައި މަރުވެގެން ދާން ބޭނުން ނުވާ ކަމަށާ، ސެރީގެ ދެދަރިން ކަމަށްވާ، 6 އަހަރުގެ އޮސްޓިން އަދި 5 އަހަރުގެ ލިއޯއަށް ޓަކައި ދިރިހުންނަން ބޭނުންވާ ކަމަށް ސެރީ ހާމަ ކުރިއެވެ.

ހަތަރު އަހަރު ވަންދެން ހަމުގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ، އުމުރުން 39 އަހަރުގެ ރޮލަންޑް މޮންގަރގެ ކީމޯތެރަޕީ ލަސްވެފައިވުމުން، މާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދު ވަނީ ކުޑަވެފައެވެ. މިއަންނަ ޖުލައިމަހު އުފަން ދުވަސް ފާހަގަ ކުރެވޭނެ ކަމުގެ އުއްމީދުގައި ހުރި ރޮލަންޑް އަށް ކޮންމެ ދުވަހަކީ އޭނާގެ ހަޔާތުގެ ފަހު ދުވަސްކަމުގައި ސިފަ ކުރެވެއެވެ. ރޮލަންޑް ބުނީ ހިތްވަރު ކުރަނީ، އަންނަ ސެޕްޓެމްބަރ މަހު ސްކޫލު ހުޅުވުމުން، ކުދިން ސްކޫލަށް ދާތަން ދެކެލުން ކަމަށެވެ.

ފެޝަން އިންޑަސްޓްރީގެ ވިޔަފާރިވެރިއެއްކަމަށްވާ 31 އަހަރުގެ ލައުރާ ބެޓީއަކީ ފުއްޕާމޭ ބަދަލު ކުރުމަށް ކުރަން ޖެހޭ މުހިންމު އަދި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހި އެކަން ލަސް ވުމުގެ ސަބަބުން ހިތް ހަލާކު ވެފައިވާ ޒުވާން އަންހެނެކެވެ. މަރޗް މަހު ކުރަން އޮތް އޮޕަރޭޝަން ކޮރޯނާވައިރަސްގެ ސަބަބުން އޮގަސްޓް މަހަށް ފަސްކުރެވިފައިވާ ކަމަށް ސިޓިއަކުން ވަނީ އަންގާފައެވެ. މިހާރު ކޮންމެ މަހަކު ޑޮކްޓަރަށް ދެއްކުން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް މިގޮތަށް ޑޮކްޓަރަށް ދައްކައިގެން ލައުރާގެ ފުއްޕާ މޭ މަސައްކަތް ކުރާގޮތް ބެލުމަކީ ވާނެ ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!