މިދިޔަ އަހަރަކީ ކުޅިވަރުގެ ހަޔާތުގައި ރާއްޖެ އަށް އެންމެ ކާމިޔާބު އަހަރު: މަހްލޫފް
މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި ވެސް އެންމެ ކާމިޔާބު އަހަރު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ އަހަރު ޔޫތު މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި "ރަން އަހަރު" ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވުމަށް ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށެވެ.
އެ ދެ ދާއިރާ އިން އަދިވެސް އިތުރަށް ރަނގަޅު ކޮށްލެވޭނެ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން މިއަހަރު އެ މަސައްކަތްކޮށް އިތުރު ހަރުފަތަކަށް ދެވޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"މިދިޔަ އަހަރު އިންދުނީ އޮށްތަކެއް. އޭގެ މޭވާ މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ކުޅުންތެރިންނާއި ޒުވާނުން ބައިވެރިވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީއަށް އެންމެ ބޮޑަށް އަމާޒުވާ ފާޑު ކިޔުމަކީ އެ މިނިސްޓްރީން ހަމައެކަނި ކުރަނީ ފުޓުބޯޅަ ދަނޑު އެޅުމާއި، ފުޓުސަލް ދަނޑު އެޅުން އަދި ކުޅިވަރު ފެސިލިޓީސް ގާއިމް ކުރުން ކަމަށް ބުނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް މުޅި މުޖުތަމައުއަށް ބޭނުން ކުރެވޭ މުހިންމު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ 50 ފުޓްބޯޅަ ދަނޑު މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ރަށްތަކުގައި އަޅާނެ ކަމަށް ވިދާޅުވި އެވެ. އިތުރު 18 ޒުވާނުންގެ މަރުކަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަޅާ ބައެއް ކުޅިވަރު ފެސިލިޓީގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.