ދުނިޔެ

ކޮވިޑް-19:އާއިލާ ގާތަށް ދިޔުމަށް ކުރި ދަތުރުމަތީގައި ނިދިފައި ތިއްބާ ރޭލެއްގެ ދަށުވެ ބަޔަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވަޒީފާ ގެއްލުމުން ހިނގާފައި، އާއިލާ ގާތަށް ދަތުރުކުރަމުން ދިޔަ ބަޔަކު ނިދިފައި ތިއްބާ ރޭލެއްގެ ދަށުވެ މަރުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މާހަރަސްޓްރަ ސުޓޭޓްގެ އޮރަންގަބާދުގައި ހިނގި މި ހާދިސާގައި 14 މީހުން މަރުވެ ފަސްމީހަކު ޒަޚަމްވެފައިވެއެވެ. އެ ސަރަޙައްދުގެ ޕޮލިހުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންނަކީ ވަޒީފާ އަދާކުރުމަށް އެހެން ސިޓީތަކުން އެ ސިޓީއަށް ގޮސްފައި ތިބި ބައެކެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާން ކުރި ލޮކްޑައުންގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާގައި ގެންގުޅޭ މީހުންނަށް މުސާރަ ދެވެން ނެތުމުން އެތައް ހާސް މޭލަކަށް ހިނގާފައި އުފަން ސަރަޙައްދަށް ދިއުމަށް ނިކުންނަ މީހުންގެ އަދަދު ވެސް ހާހުން ގުނޭނެއެވެ. މިއަދު މި މަރުވި މީހުންނަކީ ހައިހޫނުކަމުގައި އަދި ހިނގާ ހިނގާ ވަރުބަލިވުމުން ނިދުނުބައެއް ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ މީޑިއާތައް ބުނެއެވެ.

ނިދިފައި ތިބި މި މީހުން ފެނުމުން ރޭލްމަޑުކުރަން ޑްރައިވަރު މަސައްކަތް ކުރި ކަމަށާއި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ރޭލްވޭ މިނިސްޓްރީ އިން ވަނީ ހާމަ ކޮށްފައެވެ. ޕޮލިހުން ހާމަ ކުރިގޮތުގައި މިއީ މިހިސާބުގެ ސްޓީލް ކޮމްޕެނީ އެއްގައި މަސައްކަތްކުރި ބައެއްކަމާ، ހިނގާފައި ދާން އުޅުނީ ޖެހިގެން އޮތް އަވަށަށް ކަމަށެވެ. އަދި ވަރުބަލިވެގެން ޖައްސާލިއިރު ލޮކްޑައުންގެ ސަބަބުން މިތަނުން އެއްވެސް ރޭލެއް ދަތުރުކޮށްފާނެ ކަމަށް އެމީހުންނަށް ނުވިސްނުނީ ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް ޕޮލިހުން ހާމަ ކުރިއެވެ.

ލޮކްޑައުންގެ ސަބަބުން އާންމު ހުރިހާ ދަތުރުފަތުރެއްވަނީ ހުއްޓާލާފައެވެ. މިއީ ކާގޯ ހިފައިގެން ދަތުރު ކުރި ރޭލެކެވެ. މިހާދިސާއާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީއިން ވަނީ ބީޖޭޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އިދިކޮޅުން ފާހަގަ ކުރި ގޮތުގައި، ބޭރުގައުމު ތަކުގައި ތިބި މީހުން ގައުމަށް ގެންނަން މަސައްކަތް ކުރާއިރު ވަޒީފާ އަދާކުރުމަށް އުފަން ސިޓީ ނޫން އެހެން ސިޓީތަކުގައި އުޅޭ މީހުންގެ ވަޒީފާ ގެއްލުމުން ވެސް އެމީހުންނަށް އެއްވެސް އަޅާލުމެއް ވެސް ނެތްކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމަކާ ދޭންވާ ހުރިހާ އެހީތެރިކަމެއް ދެމުން ގެންދާކަމަށް، ބޮޑުވަޒީރު މޯދީ ހާމަ ކުރެއްވިއިރު، އިދިކޮޅު ލީޑަރު ރާހުލް ގާނދީވަނީ، ގައުމު ބިނާ ކުރުމުގައި މަސައްކަތް ކުރާ މީހުނާއި މެދު މިހެން ކަންތައްވުން މިއީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ބުނެފައެވެ. ލޮކްޑައުން ގައި ތާށިވެފައި ތިބި އެހެން ސްޓޭޓްތަކުގެ މީހުން އެނބުރި އެމީހުންގެ ސްޓޭޓްތަކަށް ގެންގޮސްދިނުމަށް އެދި، އާންމުން ދަނީ ސަރުކާރަށް ފިއްތުން ތައް ކުރިމަތި ކުރަމުންނެވެ.

އިންޑިޔާގެ ރޭލްވޭ ނިޒާމަކީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ރޭލްވޭ ނިޒާމެވެ. އިންޑިޔާގައި ދުވާލަކު 23 މިލިއަން މީހުން ރޭލުގައި ދަތުރު ކުރެއެވެ. ރޭލް ދަތުރުގައި އެކްސިޑެންޓް ހިނގުމަކީ ވެސް އެގައުމުގައި ވަރަށް އާންމު ކަމެކެވެ. މައިގަނޑު ސަބަބަކީ ރަނގަޅަށް މަރާމާތު ނުކުރެވުމާއި، މައުލޫމާތުގެ ބަދަލު ކުރުމުގައި ޖެހޭ މައްސަލައެވެ. މިގޮތަށް ދިމާވާ އެކްސިޑެންޓް ތަކުގައި އަހަރަކު 15 ހާސް މީހުން މަރުވާ ކަމަށް އެގައުމުގެ ސަރުކާރުން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!