ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދަނީ
ލޮކްޑައުންއާ ގުޅިގެން، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޮވިޑް-19 އާ ގުޅިގެން، 15 އެޕްރީލް 2020 އިން ފެށިގެން، ޟަރޫރީ ބޭނުމެއްގައި ހުއްދަ ހޯދައިގެން ނޫނީ ގެއިންބޭރަށް ނުނިކުމެވޭގޮތަށް މާލެ ލޮކްޑައުން ކޮށްފައިމިވާ ޙާލަތުގައިވެސް، އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު ކުރަމުންދާ ކަމަށެވެ.
އެގޮތުން އެދުވަހުން ފެށިގެން މެދުކެނޑިފައިވަނީ ޝަރީޢަތުގެ އަޑުއެހުންތައް އެކަނި ކަމަށް ކޯޓުން ބުނެއެވެ.
އެހެން ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ޙާޟިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިންގަން ނިންމާފައިވާ ކަމަށް ކޯޓުން ބުނެއެވެ.