ޚަބަރު

މި ވަގުތަކީ ޕެންޝަން ފައިސާ ރައްޔިތުންނަށް އެންމެ މުހިންމު ދަނޑިވަޅު: ސަލީމް

ދެން އެމްވީ ، ދެން އޮންލައިން

މި ވަގުތަކީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް އެންމެ މުހިންމު ވަގުތު ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރަންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށް އިކޮނޮމިިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމާއި ގައުމުގެ އިގްތިސާދު އަދި ރައްޔިތުން ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

"އެހެންވީމަ މިވަގުތަކީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް އެންމެ މުހިންމު ދަނޑިވަޅު. މި ހާލަތުގައި 65 އަހަރު ވަންދެން ހުންނާނެ ކަމުގެ އުންމީދެއް އެއްވެސް މީހަކަށް ނެތް." ސަލީމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އަކީ ކުރިއަށް ނެގޭ އެއްޗެއް ނޫން ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ޕްރޮވިޑެންޓު ފަންޑެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ޕްރޮވިޑެންޓު ފަންޑެއް އޮތްއިރު ބޮޑު ކަމެއް ޖެހިއްޖެނަމަ އޭގެއިން ފައިސާ ނެގޭ ގޮތް އޮތީ ހަމަޖައްސާފައެވެ.

އެ ފަންޑު ޕެންޝަން ފަންޑަކަށް މިހާރު ބަދަލުކޮށްފައިވާއިރު، ފައްޔާޒު ވިދާޅުވީ ކޮންމެ ފަހަރަކު ކަމެއް ޖެހޭއިރަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ނެގުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރަން ބޭނުންވާނަމަ ކުރިއަށް އޮތް ތަނުގައި ޕްރޮވިޑެންޓް ފަންޑެއް ހަދަންވީ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!