ހަގީގީ ހާދިސާ ދީން

އުމުރުން 13 އަހަރުގެ ހާލަ އަތީޤް ބުރުގާ ނުބޭލުމުން، މާތް ﷲ ދެއްވި ރަޙްމަތެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އެމެރިކާގެ ނިއު ޔޯކް ސިޓީގެ އެއާޕޯޓެއްގައި ހިނގި ހަގީގީ ހާދިސާއެވެ.

Ads by Sosun Fihaara

އެއީ 1955 ވަނަ އަހަރެވެ. މިހާދިސާ ދިމާވީ ސީރިއާއަށް ނިސްބަތްވާ އާއިލާއެއް، އެޤައުމު ދޫކޮށް އެމެރިކާއަށް ދިޔުމުގެ ތެރޭގައެވެ.

އެއާއިލާގައި ހިމެނެނީ ދެމަފިރިއަކާއި ތިން އަންހެން ކުދިންނެވެ. ހާލަ އަތީޤް އަކީ އޭގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އުމުރަކީ އެންމެ 13 އަހަރެވެ.

އެއާއިލާއިން އެންމެ ފުރަތަމަ އެމެރިކާ އަށް ދިޔައީ ހާލަގެ ބައްޕައެވެ. އޭނާގެ ބައްޕަ އެމެރިކާއަށް ދިޔައީ ކެލިފޯނިއާ އަށް ގޮސް، ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު ހާލަގެ މަންމައާއި އެތިން ކުދިން އެތަނަށް ގެންދިޔުމަށެވެ.

ބައްޕަ އެމެރިކާއަށް ގޮސް ތިން މަހެއްހާ ދުވަސް ފަހުން ހުރިހާ ކަމެއް ހަމަޖެއްސިއެވެ. އަދި ކުދިން ގޮވައިގެން އެމެރިކާއަށް އައުމަށް ހާލަގެ ބައްޕަ އޭނަގެ މަންމަ ގާތު ބުންޏެވެ.

އެމީހުން އެންމެ ފުރަތަމަ ސީރިއާ އިން ދިޔައީ އެމެރިކާގެ ނިއުޔޯކަށެވެ. އެތަނުން ގްރީންކާޑު ހެއްދުމަށްފަހު އެހެން ފްލައިޓެއް ނަގައިގެން ކެލިފޯނިއާ އަށް ދިޔުމަށެވެ.

ނިއުޔޯކަށް ދިޔުމަށްފަހު އެއާޕޯޓުން ގްރީން ކާޑު ހެއްދުމަށް މަސައްކަތް ކުރުމުން އެތަނުގައިހުރި ފުލުހަކު ހާލަގެ މަންމަ ގާތު ބުނީ، ކާޑުގައި ފޮޓޯ ޖެހުމަަށް އެހަތަރު މައިން ވެސް ބުރުގާ ބާލަން ޖެހޭ ކަމަށެވެ.

ބިރުންހުރެ ހާލަގެ މަންމަ އެކަމަށް އެއްބަސްވެ، ބުރުގާ ބާލާފައި ފޮޓޯ ނެގިއެވެ. އަދި އެއަށްފަހު ބުރުގާ އެޅުމަށްފަހު ދެން ތިބި ކުދިން ވެސް އެފަދައިން ކަންތައް ކުރުމަށް ބުންޏެވެ.

ހާލަގެ ދެ ދައްތަ ވެސް އެކުދިންގެ މަންމަ ފަދައިން ބުރުގާ ބާލާފައި ފޮޓޯ ނެގިއެވެ. ނަމަވެސް ހާލައާ ޖެހުމުން އޭނާ ބުރުގާ ބާލަން ދެކޮޅު ހެދިއެވެ.

ފުލުސް މީހާގޮސް ހާލައާ ވާހަކަ ދެއްކިއެވެ. އަދި ބުރުގާ ނުބާލާ ގްރީންކާޑު ނުހެއްދޭނެ ކަމަށާއި އޭރުން އެނބުރި ސީރިއާ އަށް ދާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

"އަހަރެންގެ ބުރުގާއަކީ އަހަރެންގެ އީމާންތެރިކަމެވެ. އަހަރެންގެ ދީނެވެ. އެނބުރި ސީރިއާ އަށް ދިޔުން ވެސް، ބުރުގާ ބޭލުމަށްވުރެ އަހަންނަށް މާރަނގަޅެވެ." ޖަވާބުގައި ހާލަ ބުނަމުން ދިޔައެވެ.

ފުލުހުން އެއާއިލާ ވަށާލިއެވެ. އަދި ވަކިން ކޮޓަރިއެއްގައި ހާލަ ބޭންދުމަށްފަހު އޭނާ އަށް ވަސްވާސް ލައިދޭން އޭނަގެ މަންމަ އާއި ދައްތަމެން ވެސް ފޮނުވިއެވެ. ނަމަވެސް ހާލަ ގޮތް ދުލެއް ނުކުރިއެވެ.

އެންމެފަހުން ބުރުގާ ނުބާލާ ހާލަގެ ފޮޓޯ ނަގަން ފުލުހުން ހުއްދަދިނެވެ. ނަމަވެސް އެހާ ގިނަ ވަގުތުވުމުން އެމީހުން ކެލިފޯނިއާއަށް އެއިރު ދަތުރުކުރަން އޮތް ފްލައިޓު އެމީހުން ނުލާ ފުރައިފިއެވެ.

މިކަމާއި ހާލަގެ މަންމަ އޭނަގެ ދެކެ ވަރަށް ރުޅިއައެވެ. އަދި އެއީ ހާލަ ގޮތް ދޫނުކުރުމުގެ ސަބަބުންވީ ކަމެއް ކަމަށާއި، އޭނަގެ މަންމަ ހުރީ ވަރުބަލިވެ، ފިރިމީހާ ދެކެން ބޭނުން ވެފައިކަން ވެސް ހަނދާންކޮށް ދިނެވެ.

ވަަރަށް ގިނައިރު އިމިގްރޭޝަންގައި ވާހަކަ ދެއްކުމަށްފަހު، ކެލިފޯނިއާއަށް ދެން އޮތް ފްލައިޓުން އެމީހުންނަށް ޖާގަ ލިބުނެވެ. ނަމަވެސް އެއިރު ވެސް ހާލަގެ މަންމަ ހުރީ އޭނަދެކެ ވަރަށް ރުޅި އައިސްފައެވެ.

ކެލިފޯނިއާގެ އެއާޕޯޓުގައި ހާލަގެ ބައްޕަ ވަރަށް ހާސްވެފައި ހުއްޓެވެ. އެމީހުން ފެނުމާއިމެކު އުފަލުން ރޯން ފެށިއެވެ.

ކިހިނެއްވީތޯ ސުވާލު ކުރުމުން ހާލަގެ ބައްޕަ ބުނީ އެމީހުން ކުރިން އަންނަން އޮތް ފްލައިޓު ދިމާވި މައްސަލައަކާ ގުޅިގެން ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށެވެ.

ހާލަގެ މަންމަ އޯގާތެރިކަމާއި މާފަށް އެދޭކަހަލަ ގޮތަކަށް އޭނާއާއި ދިމާލަށް ބަލާލުމުން ހާލަ ބުންޏެވެ.

"މަންމާއެވެ. އަހަރެންގެ ބުރުގާގެ ސަބަބުން އަހަރުމެންގެ ފުރާނަ ސަލާމަތް ވެއްޖެއެވެ. އަހަރެންގެ ނިންމުމުގެ ސަބަބުން މާތް ﷲ އަހަރުމެންގެ ފުރާނަ ސަލާމަތްކޮށް ރަޙުމަތް ލައްވައިފިއެވެ."

 

 

Ads by HDC
  1. ޖާނާ

    މާޝާﷲ

  2. عبد الله

    الله أكبر