ޚަބަރު

މިއީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށްފަހު ދިރިއުޅުމަށް ގެންނާނެ ބަދަލާ މެދު ވިސްނަންވީ ވަގުތު : ފަސްޓް ލޭޑީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށްފަހު ދިރިއުޅުމަށް ގެންނާނެ ބަދަލާ މެދު ވިސްނަންވީ ވަގުތު ކަމަށާއި ކުދިންނަކީ މުޖްތަމައުއަށް ދިމާވެފައިވާ އިޖްތިމާއީ ކަންކަމަށް ހެޔޮ ބަދަލެއް ގެންނާނެ ޗޭންޖް އޭޖެންޓްސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެފައިވަނީ މިއީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށްފަހު ދިރިއުޅުމަށް ގެންނާނެ ބަދަލާ މެދު ވިސްނަންވީ ވަގުތު ކަމަށެވެ. އެގޮތުން ހުރިހާ ކުދިން ވެސް އެކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސް ލިބިފައިވާ ހައްގުތަކުގެ ބޭނުން ޒިންމާދާރު ގޮތެއްގައި ހިފުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވެފައި ވަނީ މި ޖީލުގެ ކުދިންނަކީ މުޖްތަމައުއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކަށް ހެޔޮ ބަދަލު ގެނެސްދެވޭނެ ކުދިން ކަމަށެވެ.

"ތިކުދިންގެ އަޑު އަޅުގަނޑުމެންނަށް މުހިންމު. ވުމާއެކު ތިޔަކުދިންނާ ގުޅޭ ކަންތައްތައް ނިންމުމުގައި ނޫނީ ތިޔަ ކުދިންނަށް އަސަރު ކުރާނެ ކަންކަމުގައި ބަސްބުނެ އަޑު އުފުލަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަށް ތިހުރިހާ ކުދިންނަށް ހިތްވަރު ދެން " އެކަމަނާ ވިދާޅުވިއެވެ.

މިކަން ފާހަގަ ކޮށްލައްވަމުން އިތުރަށް ފަޒްނާ ވިދާޅުވީ، ކުދިންގެ އަޑު އުފުލުމުގެ ހައްގު ބޭނުން ކުރުމަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނާ ސިޔާސަތު ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

އެކަމަނާ ވަނީ ކުޑަކުދިންނަކީ ކުށްކުރުމާ ދުރުހެލި، ޒިންމާދާރު ކަމާއެކު މުޖުތަމައުގައި ބައިވެރިވެ، ބަސްވިކޭ ބަޔަކަށްވުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!