ޚަބަރު

އައްޑޫއިން ފައްސިވި މީހާއާ ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް ބައްދަލުކުރި!

ދެން އެމްވީ ، ދެން އޮންލައިން

ރޭ އައްޑޫ އިން މާލެ ފޮނުވި މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު އޭނާއަށް ޒިޔާރަތް ކުރުމަށް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް ވަދެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް ރޭގެ ވަގުތެއްގައި ފޮނުވާލި މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެޗްޕީއޭއިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަދި އެކަމާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތުން އައްޑޫ 14 ދުވަހަށް ފުލް ލޮކް ޑައުންއަކަށް ގެނެސްފައިވާ ކަމަށް އައްޑޫގެ މޭޔަރަ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވިއެވެ.

މިއަދު އައްޑޫ އެންއޯއީސީ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު ވިދާޅުވީ ބަލި މީހާއަށް ޒިޔާރަތް ކުރުން މަދުކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރި ނަމަވެސް ހޮސްޕިޓަލްގެ އެންގުމާ ޚިލާފަށް ގިނަ ބަޔަކު އައިސީޔޫއަށް ވެސް ވަދެފައިވާ ކަމަށެވެ.

އަދި އޭނާ ފުރުވުމަށް ވެސް ގިނަ ބަޔަކު އެއާޕޯޓަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްސިވި މީހާއާ ޖުމްލަ 26 މީހަކު ބައްދަލުވެފައިވާ ކަމަށް ސާތު ވިދާޅުވެފައިވާއިރު އޭގެ ތެރޭގައި 7 ޑޮކްޓަރަކާއި 10 ނަރުހުންގެ އިތުރުން މާލެ ގެނައުމުގައި މަސައްކަތް ކުރި މީހުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!